ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ބަކާ ރަތް ޖާރޒީގައި

ބަކާގެ މައްޗަށް ކުރެވޭ ކަށުނަމާދު ފަތިސްނަމާދަށްފަހު އިސްލާމީ މަރުކަޒުގައި!

ދިވެހި ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްކޮށްދެއްވައި ޤައުމަށް ފަޚުރުވެރި ނަން ހޯދައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފު، ބަކާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭގެ ފަތިސްނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ.

މާލޭސިޓީ ކައުންސިލުން ކަށުނަމާދުގެ މަޢުލޫމާތު އާންމުކުރަމުން ހާމަކޮށްފައިވާ ގޮތުގައި ބަކާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ ފަތިސްނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މޫނު ދެއްކުންވެސް އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ބަކާގެ ހަށިގަނޑު ވަޅުލުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ސަހަރާގައެވެ.

އުމުރުން 38 އަހަރުގެ ބަކާ ނިިޔާވީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ބަލީގައެވެ. ބަކާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރެވެ. ބަކާ އެ ހޮސަޕިޓަލްގައި އެނދުމަތި ކުރީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުން ވަރަށް ގަދަ ހުން އައިސް ވަރު ދެރަވެ، ޙާލު ދެރަވެގެންނެވެ.

ބަކާ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވެސް ވަނީ ބަކާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

މީގެއިތުރުން ސަރުކާރުގެ ވުޒާރާތަކުގެ ވެރިންނާ ދީނީޢިލްމުވެރިންނާ ކުޅިވަރުޢާއިލާގެ ގިނަބަޔަކު އަދި ވަރަށް ގިނަ އަދަދެއްގެ ދިވެހިން މި ހިތާމާގައި ބައިވެރިވެ ބަކާއަށް ހެޔޮ ދުޢާކޮށް ޢާއިލާއަށް ތަޢުޒިޔާ ކިޔަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!