ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުޙައްމަދު އާރިފް(ބަކާ)ގެ ކުއްލި މަރާއި ގުޅިގެން ރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަންކަން ގިނަ ދުވަސްތަކެއްވަންދެން ކޮށްފައިވާ އަކްރަމް އަބްދުލް ޣަނީ ރައްޔިތުންނަށް އަސަރުގަދަ މެސެޖެއް ދެއްވައިފިއެވެ.
މިފަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު ބަކާ މާލެ އައިސްފައިވަނީ މީގެ ދެދުވަހެއް ކުރިންނެވެ. އޭނާ ޙައްޖަށް ގޮސްފައިވަނީ ސަޢޫދީ ރަސްގެފާނުގެ ދަޢުވަތަށް ސަޢޫދީ އެމްބަސީން ޙައްޖަށް ފޮނުވާ މީހުންގެ ގުރޫޕްގައި ހިމެނިގެންނެވެ.
ރާއްޖެ އައިތަނާ ނޭވާލާން އުނދަގޫވެ ބަކާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އައިސީޔޫގައި ފަރުވާދޭން ފެށިއެވެ. ރާއްޖެ އައި އިރުވެސް ހެޔޮ ހާލުގައި ހުރިބަކާ އަށް ޖެހުނީ މެނިންޖައިޓިސް ކިޔާ ނުރައްކާތެރި ބައްޔެކެވެ. ބަކާ އަކީ މިބަލީގައި ރާއްޖެއިން ފުރަތަމަ ނިޔާވި މީހާކަމަށް އެޗްޕީއޭއިން ބުނެއެވެ.
ބަކާގެ މަރުގެ ވާހަކަ އަޑު އިވުމާއެކު ބަކާގެ ގާތް އެކުވެރި އަކުރަމް އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ:
އަޚުންނޭ ބިރުވެތިވޭ!!!
ވަކިވެގެން އެދިޔައީ އަޅުގަނޑުމެންގެ ގާތް އަޚެކެވެ.
ގަދަފަދަ ޙާލުގައި ދުނިޔޭގައި ދިރިއުޅެމުންދިޔަ ހެޔޮލަފާ އަޅެކެވެ.
ޖެހިގެން އޮތީ އަޅުގަނޑު ނޫނީ ތިބާގެ ނަންބަރު ކަމައްވެސް ވެދާނެއެވެ.
އެއްކައުވަންތަ ﷲ އަށް ތަޢުބާ ވާށެވެ.
ހެޔޮ ޢަމަލު ކުރުން ގިނަކުރާށެވެ.
ފާފަ ތަކުން ދުރުވެ ރައްކާތެރި ވާށެވެ.
ސުވަރުގެ މިންވަރުކުރެއްވުން އެދި ﷲ އަށް ދުޢާ ކުރާށެވެ.
އަޅުގަނޑުމެންގެ އެކުވެރި އަޚާ މުޙައްމަދު އާރިފް އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި…… ޢާމީން 🤲
ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކުރެވޭ ބަކާ ވަނީ ސާފް ޗެމްޕިއަންޝިޕް 2008 ގައި ރާއްޖެއަށް ހޯދައިދިން ޓީމުގައި ހިމެނި މުހިންމު ދައުރެއް އަދާކޮށްފައިކަން ފާހަގަ ކުރެވެއެވެ. އޭނާއަކީ މިޑްފީލްޑަށް ކުޅުނު މޮޅު ކުޅުންތެރިއެކެވެ. މިއަދު ކުއްލިއަކަށް ވަކިވެގެން އެދިޔައީ އެތައް ބަޔަކަށް އެތައް މެސެޖްތަކެއް ދިނުމަށްފަހުއެވެ.