އިންވޭސިވް މެނިންގޯކޮކަލް ބަލި: ކޮންޓެކްޓް ޓްރޭސިން ދަނީ ކުރިއަށް!

ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިފައިވާކަމަށް އެޗް.ޕީ.އޭ އިން ވަނީ  އިއުލާނު ކޮށްފައެވެ. މިބަލީގެ ފުރަތަމަ ކޭސް އާއި އެކު ކޮންޓެކްޓް ޓްރޭސިން ހަދައި ގުޅުންހުރި ފަރާތްތަކަށް މައުލޫމާތުދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންކަމަށް ވެސް އެޗް.ޕީ.އޭ އިން ވަނީ ބުނެފައެވެ.

 

އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ނައިސެރިއާ މެނިންޖައިޓިޑިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ބައްޔެކެވެ. މިބެކްޓީރިއާގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި ދެ ހާލަތަކީ މެނިންޖައިޓިސް އަދި ލޭދައުރުވާ ނިޒާމުގެ އިންފެކްޝަން ނުވަތަ ސެޕްސިސްއެވެ.

މެނިންގޯކޮކަލް މެނިންޖައިޓިސްގައި ސިކުނޑިއާއި ބުރަކަށީގެ ސްޕައިނަލް ކޯޑުގެ ވަށައިގެންވާ ފަށަލަ ނުވަތަ "މެނިންޖަސް" ދުޅަވެ އިންފެކްޝަން އުފެދެއެވެ. އަދި ސެޕްސިސްގައި ލޭ ހޮޅިތަކުގެ ވަށައިގެންވާ ފާރުތައް ހަލާކުވެ ލޭ ހޮޅިތައް ފަޅައިގެންގޮސް ހަންގަނޑާއި އެކި ގުނަވަންތަކަށް ލޭ އެޅުމަކީ ވެދާނެ ކަމެކެވެ.

 

މިބަލި ފެތުރެނީ ކިހިނެތް؟

މިބަލި ޖެހޭނީ ނައިސެރިއާ މެނިންޖައިޓިޑިސް ލޭގައި ނުވަތަ މެނިންޖަސްއަށް ގަދަވެގަންނަ ހިސާބުންނެެވެ. އަދި ބަލީގެ އަސަރެއް ނެތިވެ ނޭފަތާއި ކަރުތެރޭގައި މިބެކްޓީރިއާ  ދައުރުވުމުގެ ސަބަބުން ނޭވާލާނިޒާމުގެ ޒަރިއްޔާއިން މި ބަލި ފެތުރެއެވެ. އެހެންކަމުން މިބަލި ޖެހިފައި ނުވާ ކެރިއަރެއްގެ ފަރާތުން ބަލި ވާރުތަ ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާއި އެންމެ ގާތްކޮށް އުޅޭ ފަރާތް ތަކަށެވެ. އެޗް.ޕީ.އޭ އިން ހާމަކޮށްފައިވާ ގޮތުން "ކްލޯޒް ކޮންޓެކްޓް" ގައި ހިމެނޭ ފަރާތްތަކަކީ:

  • ބަލިމީހާއާއި އެއްގެެއެއްގައި ދިރިއުޅޭމީހުން
  • ބަލިމީހާއާއި އެކު ދިގު ދަތުރެއް ކޮށްފައިވާ މީހުން (މަތިންދާ ބޯޑުގައި/ބަހުގައި)
  • ކުޅު ފަދަ ބަލިމީހާގެ ނޭވާލާ ނިޒާމުގެ ދިޔަ އަކަށް ހުށަހެޅިފައިވާ މީހުން

މީގެ އިތުރުން ކުުޑަ ވަގުތު ކޮޅަކަށް ބަލިމީހާއާއި ދިމާ ވެފައިވާ މީހުން މިލިސްޓުގައި ނުހިމެނޭނެއެވެ.

 

ބަލީގެ އަލާމާތްތަކަކީ ކޮބާ؟

މެނިންގޯކޮކަލް ބަލީގައި މެނިންޖައިޓިސް ނުވަތަ ސެޕްޓިސީމިއާގެ އަލާމާތްތައް ވަކިން ނުވަތަ އެއްކޮށްވެސް ދިމާވުމަކީ ވެދާނެކަމެކެވެ.

މެނިންޖައިޓިސްގެ އަލާމާތްތައް:

  • ހުންއައުން
  • ކަންދުރާ ހަރުވެ ވާންވުން
  • ބޮލުގައި ރިއްސުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ފޮޓޯފޯބިޔާ – އައްޔައް ބިރުގަތުން
  • ހޭވެރިކަން ދައްވެ އޮޅުން އެރުން

މެނިންޖައިޓިސް ޖެހިފައިވާ ކުޑަކުއްޖެއްގެ ފަރާތުން ފެންނާނެ އަލާމާތްތައް:

  • ހަރަކާތް ދައްވުން ނުވަތަ މަޑުމޮޅިވުން
  • ކެއިންބުއިމުގެ މިންވަރު ދައްވުން
  • ހޮޑުލުން
  • ބޮލުގެ ނާށިގަނޑުގައިވާ މަޑު ހިސާބު ދުޅަވުން
  • ހަރަކާތްތަކަށް ބަދަލުއައުން

 

ސެޕްޓިސީމިޔާގެ  އަލާމާތްތައް:

  • އަތްފައި ފިނިވުން
  • ހޮޑުލައި ނުވަތަ ބޯއަނބުރައި ބޭރަށް ހިންގުން
  • ވަރުބަލިވުން
  • ހުންއައިސް ހީކެރުވުން
  • ނޭވާކުރުވުން
  • ހުޅުތަކާއި މަސްތަކުގައި އަދި ބަނޑާއި މޭގައި ރިއްސުން
  • ބަލި ދިގުދެމިގެންދާނަމަ ހަންގަނޑުގައި ރަތް ބިހި ނުވަތަ ލައްތަކެއް ނެގުން

 

ބަލީގެ ނުރައްކާ އެންމެ ބޮޑީ ކޮންބަޔަކަށް؟

އުމުރާއި ގުޅިގެން:

  • 1 އަހަރުން ދަށުގެ ކުޑަކުދިން
  • 16 އަހަރާއި 23 އަހަރާއި ދެމެދުގެ ޒުވާނުން
  • 65 އަހަރަށްވުރެ ދޮށީ މީހުން

ބައްޔެއްގެ ސަބަބުން:

  • އެޗް.އައި.ވީ ފަދަ ދިފާއީ ނިޒާމްގެ ބައްޔެއް ޖެހިފައިވާ މީހެއް
  • ހުންކޮށި ނުވަތަ ސްޕްލީން ރަނގަޅަށް މަސައްކަތް ނުކުރުން ނުވަތަ ބައްޔެއްގެ ސަބަބުން ވަކިކޮށްފައިވާ މީހެއް
  • ކޮމްޕްލިމެންޓް ސިސްޓްމް ނުވަތަ ދިފާއީ ނިޒާމަށް ބޭނުންވާ ޒަރޫރީ މާއްދާތައް ހަށިގަނޑުން މަދުވުން
  • ދާއިމީ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން

ބޭހެއްގެ ސަބަބުން:

  • އެކުލިޒުމަބް، ރަވުލިޒުމަބް ފަދަ ކޮމްޕްލިމެންޓް އިންހިބިޓަރ ބޭހެއް ބޭނުން

މީގެ އިތުރުން މީހުން އެއްވެއުޅޭ ތަންތަނުގައި އާންމުކޮށް ދާމީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

 

ބަލި ދެނެގަންނާނީ ކިހިނެތް؟

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލަމާތްތައް ދެނެދަތުމަށްފަހު ބަލި ޔަގީން ކުރުމަށް ލޭގެ ސުންކުގެ އިތުރަށް ސެރެބްރޯސްޕައިނަލް ފްލުއިޑް ނުވަތަ ސިކުނޑިއާއި ބުރަކަށީގެ ސްޕައިނަލް ކޯޑުގެ ވަށައިގެންވާ ފަށަލައިގައި ހިމެނޭ ދިޔައެއް ނެގިގެން ދާނެއެވެ. މިއީ އިންޖެކްޝަނެއްގެ އެހީގައި މައިބަދައިގެ މެދެއްހާއި ހިސާބުން ނެގޭ ދިޔައެކެެވެ.

އަދި ލެބޯޓަރީއަށް ހުށަހެޅިފައިވާ ސުންކުގައި ނައިސެރިއާ މެނިންޖައިޓިޑިސް ބެކްޓީރިޔާ ހިމެނޭތޯ ތަހުލީލު ކޮށް އިންފެކްޝަންގެ އަސްލު ދެނެގަނެވޭނެއެވެ.

 

ބަލީގެ ފަރުވާ؟

މިއީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔަކަށްވުމުން ބަލި ދެނެގަނެވޭ ހިސާބުން އެންޑިބަޔޯޓިކް އިން ފަރުވާދިނުން ފެށިގެން ދާނެއެވެ. އިންފެކްޝަންގެ ބާވަތާއި ބޮޑުމިނަށް ބަލައި ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ދޭންޖެހޭ ޙާއްސަ ފަރުވާތައް ދެވޭނެއެވެ. މިގޮތުންދޭ ފަރުވާތަކުގެ ތެރޭގައި ހިމެނެނީ:

  • ނޭވާލުމަށް އުނދަގޫވާނަމަ އޮކްސިޖަން ފޯރުކޮށްދިނުން
  • ލޭގެ ޕްރެޝަރު ދަށްވިޔަނުދީ ހިފެހެއްޓުމަށް ބޭސްދިނުން
  • ހަންގަނޑު ހަލާކުވެފައި ނުވަތަ މަރުވެފައިވާާނަމަ ފަރުވާކުރުން
  • ސާރޖަރީއިން ހަށިގަނޑުގައި މަރުވެފައިވާ ޓިޝޫއެއް ހުރިނަމަ ނެގުން

މި ބައްޔަކީ ވެކްސިންގެ އެހީގައި ރައްކާތެރި ވެވިދާނެ ބައްޔެކެވެ. ވެކްސިން ޖެހުމަށްފަހު ހަށިގަނޑުގައި ދިފާއީ ބާރު އުފެއްދުމަށް މަދުވެގެން 2 ހަފްތާ ނަގާނެއެވެ. އަދި މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން ނުޖަހާ ނުވަތަ ވެކްސިން ޖެހިތާ 14 ދުވަސް ނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗް.ޕީ.އޭ އިން ވަނީ އެދިފައެވެ.

 

 

advertisement
ހިޔާލު ދެއްވާ!