އައިޖީއެމްއެޗް.. ފޮޓޯ: ޕީއެސްއެމް

ޙައްޖުން އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށް އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ޤާއިމްކޮށްފި!

ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށް އައިޖީއެމްއެޗްގައި ފުލޫ ކްލިނިކެއް ޤާއިމްކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ މިކްލިނިކްގެ ޚިދުމަތް ދެނީ އައިޖީއެމްއެޗް ތެރޭގައި ހުންނަ ލުއިބުއިން ޓޭކްއަވޭ ކައިރީގައި ޤާއިމްކޮށްފައިވާ އެހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމް 10އަކުންނެވެ.

ކޮންމެ ދުވަހަކު ހެނދުނު 8:00ން ރޭގަނޑު 8:00 އަށް މިކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.

ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗްގައި ޙައްޖުވެރިންނަށް ޚާއްސަކޮށްގެން ފުލޫ ކްލިނިކެއް ޤާއިމްކުރިއިރު އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ބޭސް ދޭން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީންވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ މިއަހަރު ޙައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށް ބުނެފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި އައިސް 2 ދުވަސްތެރޭގައި ހުންއައިސް ޙާލުދެރަވެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރ މުޙައްމަދުޢާރިފް، ބަކާ ވަނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި އިއްޔެ ނިޔާވެފައިކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!