ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ދެވަނަ ބެޗްގެ އިމްތިޙާނު ރާއްޖޭގެ 3 ސަރަހައްދެއްގައި ބާއްވާނެކަމަށާ އެއީ މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި މ. އަތޮޅުގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މިޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އެކަމަށް އެދި ފޯމު ހުށައެޅުމުގެ ފުރުޞަތު ޖުލައި 5ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްނެންގެވުމަށް ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތައްދީ، އެކަމުގެ ހުއްދަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދޭނެއެވެ.
މި ޕރޮގްރާމުގެ ދަށުން ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް މާރިޗުމަހު ބޭއްވި ފުރަތަމަ ބެޗްގައި 160އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާއިރު، އޭގެތެރެއިން 100 އަށްވުރެ ގިނަ ކުދިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.
ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފެށި މި ޕްރޮގްރާމްގެ ސަބަބުން، ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށްވެސް ބޮޑު ލުއިފަސޭހައެއް ލިބޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ. މީގެއިތުރުން ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މިޕްރޮގްރާމްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މިޚާއްސަ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.