ރާއްޖެއަށް ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ޤާާނޫނުން މިހާރު ކަނޑައަޅާފައިއޮތް ލިމިޓު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ.
ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ވަކި މިންވަރެއް ކަނޑައަޅާފައި އޮތް ސަބަބާއި އެއީ ވަކި ޤައުމެއްގެ ބަޔަކަށް ތަފާތުކުރުން ކަމަށް ވިދާޅުވެ، ކޮމެޓީގެ މެމްބަރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިވަގުތު ރާއްޖޭގައި އޮތް ލޭބަރުންގެ ޑިމާންޑާއި ކުރިއަށް އޮތް ތަނަށް އަންދާޒާކުރެވޭ ޑިމާންޑަށް ބަލާއިރުގައި، ބަންގްލަދޭޝްގެ 100،000 ލޭބަރުންގެ ލިމިޓަކީ އުވާލަން ޖެހޭ ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް އެ ލިމިޓު އުވާލަން ވާނީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ފަހުގައި ކަމަށާއި އެހެން ނޫން ނަމަ އެއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް އިޙްސާން ވިދާޅުވިއެވެ.
ބަންގްލަދޭޝް ލޭބަރުންގެ ލިމިޓު އުވާލުން ބަރޯސާވަނީ ދެ ކަމަކަށްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވަނީ ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި އެކަންކަން ނިންމަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.