ކެންސަރު ބައްޔަށް ފަރުވާދެއްވާ ޒުވާން ދިވެހި ޑޮކްޓަރެއް ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާދެއްވާ ޒުވާން ޑޮކްޓަރު ޢާއިޝަތު އަނާން ޝަފީޢު، މ. ލައިޓް ސިގްނަލްއެވެ.
އުމުރުން 28 އަހަރުގެ އަނާން ނިޔާވިކަން ހާމަކުރައްވާފައި ވަނީީ ރާއްޖޭގެ ފުރަތަމަ ސަރޖިކަލް އޮންކޮލޮޖިސްޓް ޑޮކްޓަރ މުޙައްމަދު ޝިފާންއެވެ.
ޝިފާންގެ ފޭސްބުކް ޕޭޖުގައި މިކަން ހާމަކުރައްވާ ވިދާޅުވީ އަނާން ވަކިވެގެން ދިއުމަކީ ފޫނުބެއްދޭވަރުގެ ހުސްކަމެއް ކަމަށާއި އެއީ މޮޅު ޑޮކްޓަރެއްގެ އިތުރުން އޭނާއާ ބައްދަލުވާ ކޮންމެ ބަލިމީހަކަށް އުއްމީދެއް ގެނެސްދޭ ކޮންމެ މީހަކަށްވެސް ރަޙުމް ކުރެއްވި މީހެއް ކަމަށެވެ.
ޝިފާން ވަނީ އަނާންގެ ޖަނާޒާއާ ބެހޭ މަޢުލޫމާތު ހިމެނޭ ފޮޓޯއެއްވެސް ޙިއްސާ ކުރައްވައިފައެވެ. އޭގައިވާ ގޮތުން އަނާން ނިޔާވެފައި ވަނީ ސްރީލަންކާގައެވެ. އަދި އޭނާގެ ޖަނާޒާ ވަނީ މިރޭގެ މަޣްރިބް ނަމާދަށްފަހު ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ މަލިގަވައްތާ މުސްލިމް ބަރިއަލް ގްރައުންޑްގައި ބާއްވައިފައެވެ. އޭނާ ނިޔާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.