މެނިންގޯކޮކަލް ބަލީގައި ބޮޑުވަރުވާ ކޭސްތައް ނިސްބަތުން މަދު: ޑރ. މޫސާ މުރާދު

މެނިންގޯކޮކަލް ބަލީގައި ބޮޑުވަރުވާ ކޭސްތައް ނިސްބަތުން މަދުކަމަށް އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ  މިބަލީގައި ބޮޑުވަރުވާ ކޭސްތައް ނިސްބަތުން މަދު ކަމަށާއި ބަލީގެ ބޮޑެތި އަލާމާތްތައް ފެންނަނީ ބަލި ޖެހޭ 100 މީހުންގެ ތެރެއިން ގާތްގަނޑަކަށް 10 މީހުންގެ ފުށުން ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ހަށިގަނޑުގައި ހުންނާނެކަމަށް ބެލެވެނީ 7 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތަށް ކަމަށްވިޔަސް އެންޓިބައޮޓިކާއި ވެކްސިން ޖެހުމުގެ ސަބަބުން ބެކްޓީރިއާ އަވަހަށް މަރާލާ ކަމަށެވެ.

މިބައްޔާއި ބެހޭ ގޮތުން އިތުރު ތަފްޞީލް ދެއްވަމުން ޑރ. މުރާދު ވިދާޅުވީ ވައިރަހަކަށްވުރެ ބެކްޓީރިއާ ޖަރާސީމު ފެތުރިގެންދާ ފުރުޞަތު ވަރަށް ކުޑަ ކަމަށާއި ބަލި ޖެހުމުގެ ފުރުސަތު އޮންނަނީ ވަރަށް ކައިރި ކޮންޓެކްޓުންނަށް ކަމަށެވެ.

އަދި ވައިގެ ތެރޭގައި މިބެކްޓީރިއާ ހުންނަ ވަގުތުވެސް ވަރަށް ކުޑަވާނެ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

މިޕްރޮގްރާމުގައި ވާހަކަ ފުޅު ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވީ ކޭސް ފެނުމާ ގުޅިގެން އެ އެޖެންސީއިން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.

އަދި އޮންނަ މިންގަނޑާ އެއްގޮތަށް ކޮންޓެކްޓް ޓްރޭސިން ހަދާ، އެ ކޭސް އާއި ގުޅުންހުރި ހުރިހާ ކޮންޓެކްޓުން މިހާރު ދެނެގަނެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!