އައްޑޫ ސިޓީ މީދޫން ދޫކުރަން ނިންމާފައިވާ ގޯތިތައް ވެރިފަރާތްތަކާއި ހަވާލު ކުރަން ފަށައިފި ކަމަށް މީދޫ އަވަށު އޮފީހުން ބުނެފި އެވެ.
އެ އޮފީހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ މީދޫ އިން ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލު ކުރުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރިއަށްދާ ކަމަށެވެ.
އަދި އިން ވަކިކުރެވޭ މިންވަރަކުން ބިންތައް ވެރިފަރާތާއި ހަވާލު ކުރަމުންދާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެ އެވެ.
މީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ 100 ގޯއްޗެވެ. އައްޑޫ ސިޓީން ދޫކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ތެރެއިން ހިތަދޫން މިހާތަނަށް 50 ގޯތި ހަވާލުކޮށްފައިވާ ކަމަށް މީގެ ދެ ހަފްތާ ކުރިން ހިތަދޫ އަވަށު އޮފީހުން ބުނެފައިވެ އެވެ.
އައްޑޫ ސިޓީން ޖުމްލަ 1000 ގޯއްޗަށް ކުރިމަތިލުމަށް އެރަށު ކައުންސިލުން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރޭގައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ހުޅުވާލާފައިވަނީ ފޭދޫން 300، މީދޫން 100، ހުޅުދޫން 100 ގެ އިތުރުން ހިތަދޫން 500 ގޯއްޗަށް ކަމަށެވެ.
އައްޑޫ ސިޓީން ގޯއްޗައް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކައް ގޯތި ދިނުމައް އައްޑޫ ސިޓީ ކައުންސިލުން ނިންމައި އެ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.