މަޖިލީސް މެމްބަރުންނަށްވެސް އާސަންދަ އެކަނި ލިބޭގޮތަށް ބަދަލު ކުރަން ބައެއް މެމްބަރުން ގޮވާލައިފި!

މަޖިލީސް މެމްބަރުންނަށްވެސް އާސަންދަ އެކަނި ލިބޭގޮތަށް ބަދަލު ކުރަން ތާޢީދު ކުރައްވާ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ބައެއް މެމްބަރުން  ވިދާޅުވެއްޖެއެވެ. 

މިކަމަށް ތާޢީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބުރާހީމް ޝުޖާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ޤައުމީ މަސައްކަތައް އެއްބާރުލުން ދިނުމުގެ ގޮތުން މަޖިލިސް މެމްބަރުންގެ އިންސިއުރަންސް މިހާރުން މިހާރަށް ކަނޑާލައި ދިވެހި ރައްޔިތުންނަށް ލިބޭ އާސަންދަ އެކަނި ލިބޭގޮތަށް ބަދަލު ކުރަން ފުރިހަމައަށް ތާޢީދު ކުރައްވާ ކަމަށެވެ. 

ޝުޖާގެ އިތުރުން މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެމްބަރު އަޙުމަދު އަޒާން މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ.މުއިއްޒު ގެ ސަރުކާރުން ދަނީ ހަރަދު ކުޑަކުރަމުން ކަމަށާ މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ނަމޫނާ ދައްކަންޖެހޭ ކަމަށެވެ.

އަޒާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޢާއިލާގެ ބޭފުޅުންނަށް އާސިއާން ޤައުމުތަކުން ލިބެން އޮންނަ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަން ޖެހޭ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ޚަރަދުކޮށްގެން މެމްބަރުންނަށް ލިބެން ނުޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން މަޖިލިސް މެންބަރުން ނަމޫނާ ދައްކަވަން ޖެހޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮންމެ މެމްބަރަކަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި 24،000 ރުފިޔާ ދައްކައެވެ. އެހެންކަމުން މަޖިލީހުގެ ޖުމްލަ 93 މެންބަރުންނަށް އިންޝުއަރެންސްގެ ގޮތުގައި 2.2 މިލިއަން ރުފިޔާ އަހަރަކު ދައްކަން ޖެހެއެވެ.

advertisement
ހިޔާލު ދެއްވާ!