އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ޚަރަދުކޮށްގެން މެމްބަރުންނަށް ލިބެން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެމްބަރު އަޙުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ.މުއިއްޒު ގެ ސަރުކާރުން ދަނީ ޚަރަދު ކުޑަކުރަމުން ކަމަށާ މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ނަމޫނާ ދައްކަންޖެހޭ ކަމަށެވެ.
އަޒާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޢާއިލާގެ ބޭފުޅުންނަށް އާސިއާން ޤައުމުތަކުން ލިބެން އޮންނަ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަން ޖެހޭ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ޚަރަދުކޮށްގެން މެމްބަރުންނަށް ލިބެން ނުޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮންމެ މެމްބަރަކަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި 24،000 ރުފިޔާ ދައްކައެވެ. އެހެންކަމުން މަޖިލީހުގެ ޖުމްލަ 93 މެމްބަރުންނަށް އިންޝުއަރެންސްގެ ގޮތުގައި 2.2 މިލިއަން ރުފިޔާ އަހަރަކު ދައްކަން ޖެހެއެވެ.