ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

ޒަމާނީ ޓެކްނޮލޮޖީއާ، އެންމެ އިތުބާރުހުރި ވަޞީލަތްތައް އެއާޕޯރޓްގައި ޤާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެ!

ދިވެހިރާއްޖޭގެ މައި އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް، ޚިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރުގައި ފަޔަރ އެންޑް ރެސްކިޔުގެ ޤާބިލުކަން އިތުރުކޮށް، އެންމެ ޒަމާނީ ޓެކްނޮލޮޖީއާ، އެންމެ އިތުބާރުހުރި ވަޞީލަތްތައް ޤާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަޔަރ ސްޓޭޝަން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަންކަމުގައި ފާހަގަކުރައްވައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގައި އެއަރޕޯޓްގެ ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތުގެ ދައުރު ވަރަށް ބޮޑުކަމުގައި ވިދާޅުވިއެވެ.

އަދި އެއީ ރާއްޖެއަށް އަންނަ ބޭރުގެ ފްލައިޓްތައް އިތުރުވުމާ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރީން ގިނަވުމުގައި، އެއަރޕޯޓުގެ ސަލާމަތީ ކަންކަމަށް އޮންނަ އިތުބާރު މުހިންމު ދައުރެއް އަދާކުރާތީކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ޚިދުމަތްތެރިން އެކަމުގައި ސާބިތުކަމާ އެކު ދެމިތިއްބެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތުގައި 31 އަހަރު ހޭދަކުރެއްވި މި ޚިދުމަތުގެ ބާނީއެއްކަމަށްވާ އަލްމަރުހޫމް އަޙްމަދު ފަޔާޒުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެއެވެ. އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތް ދިވެހިރާއްޖޭގައި ފުޅާކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ. އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވި ފަޔަރ އެންޑް ރެސްކިޔުގެ އައު ސްޓޭޝަން ތަރައްޤީކުރުމުގައިވެސް އިސްދައުރެއް އަލްމަރުހޫމް އަޙްމަދު ފަޔާޒު އަދާކުރެއްވިއެވެ. އަދި އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތަށް މީހުން ތަމްރީނުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ.

advertisement
ހިޔާލު ދެއްވާ!