ދިވެހި ފުލުހުންގެ އިދާރާ

''ވެށި ރައްކަލް''ގެ އޮޕަރޭޝަނުގައި 14 މީހުން ހައްޔަރުކޮށްފައިވޭ: ފުލުހުންގެ އިދާރާ

"ވެށި ރައްކަލް" އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

އެއިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މެއި 1 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީގެ ފުލުހުން ކުރިއަށް ގެންދާ ވެށި ރައްކަލް އޮޕަރޭޝަނުގައި 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

އަދި މި މައްސަލަތަކާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައިތިބީ ފަސް މީހުންން ކަމަށްވެސް ބަޔާނުގައި ބުނެއެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމަކީ ފުވައްމުލައް ސިޓީއަކީ މަސްތުވާތަކެތިން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ހަމައެހެންމެ މި އޮޕަރޭޝަނުގައި ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދާނެ ކަމަށްވެސް އެއިދާރާއިން ބުނެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ތުހުމަތުގައި މި މަހު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިބަޔާނުގައި ފުލުހުންވަނީ މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ފުވައްމުލައް ސިޓީ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުވެސް އަދާކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!