ނަޒާޙަތްތެރިކަން ދޭންޖެހޭ ފަދަ ވަޒީފާއަކަށް ކުރިމަތިލަނީ ކޮންމެ މީހަކުވެސް އަމިއްލައަށް ކަމަށް ވަޒީރު އިހުސާން ވިދާޅުވެއްޖެ

ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ޔުނިފޯމު އަޅައިގެން އެންމެ މަތީ ފެންވަރުގެ ނަޒާޙަތްތެރިކަން ދޭންޖެހޭ ފަދަ ވަޒީފާއަކަށް ކުރިމަތިލަނީ ކޮންމެ މީހަކުވެސް އަމިއްލައަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖަލު އޮފިސަރުން ރިޝްވަތު ހިފުމާއި ޤާނޫނާ ޚިލާފުވުމުގެ ތުހުމަތުގައި ހިންގާ ބޮޑު އޮޕަރޭޝަނާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިހުސާން ވިދާޅުވީ އެވަޒީފާގައި ދެމި ހުރިހާ ދުވަހަކު އޭނާ ޤައުމަށް އެންމެ މަތީ ދަރަޖައިގައި ތެދުވެރިވެ ނަޒާޙާތްތެރިވާން ޖެހޭނެ ކަމަށެވެ.

ޔުނިފޯމު އެޅި އެއްވެސް މީހަކު ފައިސާ ނަގައިގެން ޤައުމަށް ޚިޔާނާތްތެރިވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި ފައިސާއަށްޓަކައި ޔުނިފޯމް ވިއްކާލުން ބަލައި ނުގަނެވޭނެ ކަމަށާއި ނަޒާޙަތްތެރިކަމާއި ތެދުވެރިކަމާއެކު ވަޒީފާ އަދާކުރުމަށް ހުރަހެއް ކުރިމަތިވާނަމަ އަދި ޙައްގަކުން އެކަހެރިވާނަމަ، އެހީތެރިކަމަށް އެދޭނެ ފަދަ ފުރުޞަތު ކޮންމެ މުވައްސަސާއެއްގެ ތެރޭގައިވެސް އޮންނާނެ  ކަމަށެވެ.

އިހުސާން ވަނީ ޔުނިފޯމް އެޅި ޒިންމާދާރު ވަޒީފާއެއް އަދާކުރުމުގައި އެއްވެސް އޮފިސަރަކަށް މަޖުބޫރުކަމެއް ނެތްކަން ފާހަގަކުރައްވާފައެވެ.

މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ޔުނިފޯމު އެޅި އެއްވެސް އޮފިސަރަކަށް ޤައުމަށް ޚިޔާނާތްތެރިވެ ގައްދާރުވާންޖެހޭނެ އެއްވެސް ސަބަބެއް އަދި ޙާލަތެއްވެސް ކުރިމަތިނުވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

advertisement
ހިޔާލު ދެއްވާ!