އިސްލާމީ މަރުކަޒުގައި ހުކުރުނަމާދު ކުރަނީ

އިސްލާމް ދީނަށް ބަދުބަސް ބުނެ، ފުރައްސާރަ ކުރުމަކީ، ސަމާސާ ކަމެއް ނޫން: ޚުޠުބާ

އިސްލާމް ދީނަށް ބަދުބަސް ބުނެ، އެ ދީނަށް ފުރައްސާރަކުރުމަކީ، ސަމާސާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ." މި ސުރުޙީގެ މައްޗަށް އަލިއަޅުވާލައްވައި މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ މިއަދު މަދުން ނަމަވެސް ފެތުރެމުންދާ ބިރުވެރި އެއްކަމަކީ، އިސްލާމް ދީނަށާއި، ދީނީ ޢިލްމުވެރީންނަށް ފުރައްސާރަކުރުމާއި، ދީނީ ކަންކަމަށް ހަޖޫ ޖެހުން ކަމަށާ ދީނުގައި ޝަރުޢުކުރައްވައިފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމީ ދީނުން ބޭރުވާ ކަމެއް ކަމަށެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީންކަމަށްވާ އިރު، އެ ދީނާ ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައި ވެސް ފެތުރެން ފަށާފައިވާ ކަމަށާ އޭގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ ކަންކަން ހިމެނޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ޤަބޫލު ނުކުރުމުގެ ފިކުރު ކަމަށާ އޭގެ ނަތީޖާއެއްގެ  ގޮތުން އެ ފިކުރުގެ އަހުލުވެރިންނާ މުސްލިމުންނާ ދެމެދު އޮންނަ ޝަރުޢީ ގުޅުންތައް ކެނޑޭނެ ކަމަށާ ކާވަނީގެ ގުޅުމާއި، ވާރުތަވުން ފަދަ ހުރިހައި ގުޅުންތަކެއް ކެނޑޭނެ ކަމަށާ އޭގެ އިތުރަށް އެ މީހުން އެ ގޮތުގައި މަރުވެއްޖެ ނަމަ، ތިބޭނީ ނަރަކައިގައި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ﷲ تَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ވިދާޅުވީ  "ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާ ޙާލު މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް އުވި ގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ." މިފަދައިންނެވެ.

މިއަދު ފެތުރޭ އަނެއް ފިކުރަކީ، ދީނުގައި ހަރުކަށިވުމުގެ ފިކުރު ކަމަށާ ދީނުގައި އޮތް މެދުމިން ދޫކޮށް، ހަރުކަށިވެ، ޙައްދުފަހަޅައިދިއުމަކީ، ކީރިތި ރަސޫލާ ޞ.ޢ.ވ  މި އުއްމަތަށް މަނާކުރައްވައި، އޭގެ ސަބަބުން އަހަރެމެން ހަލާކުވެދާނެކަމަށް އިންޒާރު ކުރައްވައިފައިވާ ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުން ކަމަށާ އެއާ ޚިލާފަށް، އިސްލާމް ދީނުގައި އޮންނަ ގޮތަށް، ޙުކުމްތައް ބަޔާންކޮށްދިނުމާއި، ބަރާބަރަށް ނަމާދުކުރުމަށާއި، ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމާއި، ރިބާ ނުކެއުމާއި، މަސްތުވާތަކެތި ބޭނުންނުކުރުމަށް ގޮވައިލުން ފަދަ ކަންކަމަކީ، ހައްދުފަހަނަޅައިދިއުމެއް ނޫން ކަމަށާ އަދި ފޭރާން އެޅުމުގައި ޝަރުޢީ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމަކީ ވެސް ހަރުކަށިކަމާ ގުޅުން ހުރި ކަންކަމެއް ނޫން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ޞައްޙަ މަޢުލޫމާތު ނުލިބުމުގެ ސަބަބުން ކަމަށާ އިންޓަނެޓުގައި ޢާންމުކުރާ ތަކެއްޗަކީ، ޚާއްޞަކޮށް އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަކީ، އިތުބާރު ހިފޭ މަޞްދަރުތަކަކުން ކަށަވަރުކުރެވޭ މަޢުލޫމާތުތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވަނީ އިސްލާމް ދީނަށް ބަދުބަސް ބުނެ، އެ ދީނަށް ފުރައްސާރަކުރުން ފަދަ ޢަމަލުތައް ކުރާ މީހުން، އެ ކަންކަން ދޫކޮށް، އަވަހަށް ތައުބާވާން ގޮވައިލައްވައިފައެވެ.

advertisement
ހިޔާލު ދެއްވާ!