އައްޑޫގައި ފަތުރުވެރިކަން ތަރައްޤީ ކުރާނީ މި ސަރުކާރުން ކަމަށާއި މެދުކެނޑުމެއް ނެތި އެ މަސައްކަތްކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިއަހަރު އައި އެއް މިލިޔަން ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ޗައިނާ އީސްޓަން އެއަރލައިން އިން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.
"ޗައިނާ އައިޓީބީގައި ޗައިނާ އީސްޓަން އެއަރލައިންއާއި އެކު އެވާހަކަ މަޝްވަރާ ކުރިން، އައްޑޫއަށް ޗައިނާގެ އެކި ޕްރޮވިންސްތަކުން ޑައިރެކްޓު ފްލައިޓު ގެނެވޭނެގޮތަކާއި މެދު، ޗައިނާ އީސްޓަން އެއަރލައިންގެ ބޭފުޅުން ވަރަށް އަވަހަށް ރާއްޖެ އަންނާނެ އައިސް މަޝްވަރާކުރާނެ، އެކަން ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު" ފައިސަލް ވިދާޅުވިއެވެ.
އަދި އައްޑޫއަށް ޑައިރެކްޓު ފްލައިޓު ގެނައުމުގައި ފަތުރުވެރިކަމުގެ އެނދު އިތުރު ކުރުމަކީ މުހިއްމުކަމެއް ކަމަށާއި އެގޮތުން އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ އެނދު އިތުރުކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިޞަލް ވިދާޅުވީ އަތޮޅެއްގައި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް 4000-6000 ދެމެދުގެ އަދަދަކަށް ފަތުރުވެރިކަމުގެ އެނދު ބޭނުންވާ ކަމަށެވެ.
އަދި މި ޢަދަދަށް ފަތުރުވެރިކަމުގެ އެނދުތައް ތަރައްޤީ ކުރުމުގައި ލޯކަލް ޓޫރިޒަމަށް އިސްކަން ދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.