ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު އާރިފް، އާންމު ނަމުންނަމަ ބަކާގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދަފްތަރު ހުޅުވުމާއެކު ފުރަތަމަ ބަޔާނެއް ލިޔުއްވާ ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއުއެވެ.
މީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީއާއި އޮލިމްޕިކް ކޮމިޓީއާއި އެފްއޭއެމްގެ ވެރިންގެ އިތުރުން އެކި ދުވަސްވަރު ބަކާއާ އެކު މަސައްކަތް ކޮށްފައިވާ ކޯޗުން ވަނީ ދަފްތަރުގައި ސޮއިކުރައްވާފައެވެ.
ދިވެހި ފުޓްބޯޅަ ޢާއިލާއިން އުފެދުނު ހުނަރުވެރި މިޑްފީލްޑަރ ބަކާ މިމަހުގެ 25 ވަނަ ދުވަހު ނިޔާވެފައިވަނީ ރާއްޖެއިން ނުފެއްނަ ބައްޔެއް ކަމަށްވައި އިންވޭސިވް މެނިންގޯކޮކަލް ބަލީގައި އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ބަކާ ނިޔާވީ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށްފަހު މާލެ އައިތާ 2 ދުވަހެއްގެ ތެރޭގައިކަން ފާޙަގަ ކުރެވެއެވެ.
ބަކާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، އޭނާ ވަނީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން ޓީމުގައި ހިމެނިފައެވެ.
އުމުރުން 38 އަހަރުގައި ބަކާ ނިޔާވުމާއި ގުޅިގެން، މީސްމީޑިއާގައި ގިނަ މީހުން ފާހަގަ ކުރި ޝުޢޫރުގައި ބުނެފައިވަނީ އޭނާ އަކީ ފަރުޟު ނަމާދުތަކަށް އިސްކަންދީ، ދީނީ ވާޖިބުތަކަށް އަހަންމިއްޔަތުކަން ދިން މޮޅު ކުޅުންތެރިޔެއް ކަމަށެވެ.
ބަކާގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރު އަންނަ އާދިއްތަ ދުވަހުގެ ރެއަށް ހުޅުވާފައި ބާއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ.