ޖަލަށް ވެއްދުން މަނާ ތަކެތި ޖަލަށް ވައްދަން ރިޝްވަތު ނެގި 18 ޖަލު އޮފިސަރުންގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާ އަދި 6 އޮފިސަރަކު ވަޒީފާއިން ވަކިވެގެން ގޮސްފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ މިކަމާގުޅިގެން ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕްރޭޝަންއާބެހޭ ގޮތުން ދާޚިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވުޒާރާއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ބައްދަލުވުމުގައި އެ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ 18 އޮފިސަރުން އެހީތެރިވާ ކަމަށާއި މި މައްސަލައިގައި ތުޙުމަތުކުރެވޭ މުވައްޒަފުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ.
ނުސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން ފުލުހުންގެ އިންޓެލިޖެންސުން މަޢުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.
ޝަރީފް ވިދާޅުވީ އާދަޔާ ޚިލާފަށް އެ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށާ އެގޮތުން 24 މިލިއަން ރުފިޔާއިން ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް ޖަމާވެފައިވާއިރު 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި ފައިސާ އެކައުންޓަތަކަށް ޖަމާވެފައިވަނީ ކުށުގެ ވެށީގައި ހިމެނޭ މީހުންނާއި ޖަލުގައި ތިބި ކުށްވެރިންނާއި ޖަލުގައި ޙުކުމް ތަންފީޒުކޮށްފައިވާ މީހުންގެ އެކައުންޓްތަކުންކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި މި އޮޕަރޭޝަން ކުރިއަށްދާތީ އެންމެ ފުރިހަމަ މަޢުލޫމާތުތައް އަދި ހާމަކުރެވެން ނެތް ނަމަވެސް ކުރިއަށް ހުރި ވަގުތުތަކުގައި މަޢުލޫމާތު ލިބޭވަރަކުން މިމައްސަލައިގެ މަޢުލޫމާތުތައް މީޑިއާތަކަށް ހާމަކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.