ކައުންސިލަރުންނާމެދު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޤާނޫނުގައި ބުނާ މަސްއޫލިއްޔަތުތައް ކައުންސިލަރުން އަދާ ނުކުރާ ކަމުގެ ޝަކުވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.
ޑރ. ޒުލްފާ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ ކޮންމެ ކައުންސިލަރަކުވެސް އިންތިޚާބުވުމުގެ ކުރިން ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވި ނަމަވެސް ބައެއް ކައުންސިލަރުންނަށް ޤާނޫނުގައި ބުނާ މަސްއޫލިއްޔަތުތައް ރަނގަޅަށް ނޭނގޭކަން ކަމަށެވެ.
އަދި މިކަން ހައްލުކުރުމަށް ކައުންސިލަރުން ތަމްރީންކުރުން އަބަދުވެސް ކުރިއަށްގެންދާ ކަމަށާއި ނަމަވެސް އެއީ ޖުމްލަ ހައްލެއް ނޫން ކަމަށެވެ.
ޖުމްލަ ހައްލެއް ލިބޭނެކަމަށް ޤަބޫލުކުރެވެނީ ކޯހެއް ފުރިހަމަކުރުމަށްފަހު، ކައުންސިލަރުން ހުވާކުރުމުން ކަން ފާހަގަކުރައްވާ ޒުލްފާ ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ފުރިހަމަ ނުކޮށް ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމުގެ ހުވާ ނުކުރެވޭ ގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
ހަމައެހެންމެ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ތައްޔާރުކޮށްގެން ކައުންސިލަރުންނަށް ތަމްރީން ދިނުން ވަރަށް މުހިންމު ކަމަށްވެސް ޑރ. ޒުލްފާ ވިދާޅުވިއެވެ.
"އޭރުން ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުންނަކީ ޤާނޫނުގައި ބުނާ ކަންކަން ރަނގަޅަށް އެނގޭ ބައެއްކަން ކަށަވަރު ކުރެވޭނެ" ޑރ. ޒުލްފާ ވިދާޅުވީ އެވެ.