ޖަލުގައި މީހަކު މަރުވެއްޖެ ނަމަ އެ މައްސަލަ އިންސާފުވެރިކަމާއިއެކު ތަޙުޤީޤު ކުރައްވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިހުސާން މި ޕޯސްޓު ކުރައްވާފައިވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި ށ. ފުނަދޫ، ޒަމާނީވިލާ، މުހައްމަދު ޖަމީލް (45އ) މަރުވި ހާދިސާއާ ގުޅިގެންނެވެ.
އިހުސާން ވިދާޅުވީ ޖަލުގައި މަރުވާ ކޮންމެ މައްސަލައަކީ އިންސްޕެކްޓާރ އޮފް ކަރެކްޝަނަލް ސާވިސް މިނިވަންކަމާއެކު ތަހުގީގުކުރާ މައްސަލައެއް ކަމަށެވެ.
އަދި އެފަދަ މައްސަލަތަކުގައި ޝައްކުކުރެވޭ ކަމެއް އޮތްނަމަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިންވެސް މިނިވަން ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް އަންގާފައިވާ ކަމަށާއި އާއިލާއިން ހުއްދަދީފި ނަމަ ޖަމީލްގެ ޕޯސްޓްމޯޓަމް ހެދުމަށްވެސް ފުލުހުންނަށް އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ކަމާގުޅުން ހުރި ހުރިހާ އިދާރާތައް ގުޅިގެން އެ މައްސަލަ ތަހުގީގުކުރާނެ ކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ ޖަމީލް މަރުވީ "ކާޑިއޯޕަލްމޮނަރީ އެރެސްޓް" އެއްގައި ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފަ ކަމަށެވެ.
އިހުސާން ވިދާޅުވީ ޖަމީލުގެ ހަށިގަނޑު މަރުވިއިރު އޮތީ ސަޖިދައިގައިކަން ޖަލުގެ ސީސީޓީވީ ކެމެރާއިން ފެންނަ ކަމަށާއި ކަރެކްޝަންސް އިން ސީސީޓީވީ ފުޓޭޖް ތަހުގީގީ އިދާރާތަކަށް ހިއްސާކުރާނެ ކަމަށެވެ.