މަސްތުވާތަކެއްޗާއި ފޯނު ޖަލަށް ވައްދާކަމުގެ ތުޙުމަތުގައި ކަރެކްޝަންސްގެ 11 މުވައްޒަފަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 13 މުވައްޒަފަކު ހައްޔަރު ކޮށްފައިވެއެވެ.
މި ކަމަމާއި ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން 5 ދުވަހަށް އަދި އަނެއް 11 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެެވެ.
13 މީހުންގެ ތެރެއިން 9 މީހަކު މާފުށިން، ކާށިދޫން 2 މީހަކު އަދި އުތީމުންނާއި މާލެ އިން ވެސް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.
މި އޮޕަރޭޝަނާބެހޭ ގޮތުން މިމަހުގެ 27 ވަނަ ދުވަހުގެރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ފުލުހުން މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވަނީ ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ޖަލުތަކަށް މަސްތުވާތަކެތި ވައްދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތާއި ގުޅިގެންނެވެ.
މިކަމުގައި ކަރެކްޝަނުގެ 18 އޮފިސަރުންގެ ބައިވެރިވުން ހިމެނޭކަން، މި އޮޕަރޭޝަނުގެ ތެރެއިން ފާހަގަވެފައިވާ ކަމަށާ އެ މުވައްޒަފުންގެ އެކައުންޓްތަކަށް އާދަޔާ ޚިލާފަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަދި ފުލުހުން ހިންގި ތަޙުޤީޤުން ފާހަގަކުރެވިފައިވާ 18 އޮފިސަރުންގެ ތެރެއިން 6 ފަރާތެއް މި އަހަރު ވަޒީފާއިން ވަކިވެގެން ގޮސްފައިވާ ކަމަށާ ނަމަވެސް އެ މީހުންނާއި މެދު ވެސް އަޅަން ޖެހޭ ފިޔަވަޅު އަޅައި، މައްސަލަ ބަލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަނުން ފައިސާ ޖަމާވެފައި ހުރިއިރު، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް، އެ 18 މުވައްޒަފުންގެ އެކައުންޓަށް ގާތްގަނޑަކަށް 73 މިލިއަން 6 ލައްކަ ރުފިޔާ އެކި ފަހަރު މަތިން ޖަމާވެފަ ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.