ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި ޖަމީލުގެ މަރާއި ގުޅިގެން އެޗްއާރުސީއެމްގެ ބަހެއް ނީވޭތީ ކުރިގެ ބަންޑާރަނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢާއިޝަތު އާޒިމާ ޝަކޫރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށްފައިހުއްޓާ، ށ. ފުނަދޫ ޒަމާނީވިލާ، މުޙައްމަދު ޖަމީލް (45އ) ނިޔާވެފައިވާ ކަމަށް ކަރެކްޝަންސްއިން އިއްޔެ ވަނީ ބުނެފައެވެ.
ޖަމީލުއަށް ކަރެކްޝަނުގެ މުވައްޒަފުން އަނިޔާކޮށް މަރާލީކަމަށް ބުނެ ކުރާ ތުޙުމަތުތަކަށް ރައްދުދެއްވާ ފުލުހުން މިއަދު ވިދާޅުވީ މުޙައްމަދު ޖަމީލުގެ ހަށިގަނޑު ބެލި ބެލުމުން، ހަށިގަނޑުގައި ފާހަގަކުރެވޭ ބައެއް ކަހަލަ ނިޝާންތަކެއް ހުރިނަމަވެސް، ފުލުހުން ކުރި ތަހުޤީގުން މިއަދާ ހަމަޔަށްވެސް މުޙައްމަދު ޖަމީލުގެ ހަށިގަނޑަށް ލިބިފައިވަނީ އެއްވެސް ފަރާތަކުން ޖިސްމާނީ ގޮތުން ދީފައިވާ އަނިޔާ ތަކެއް ކަމަކަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
މި މަރާއި ގުޅިގެން ހިއުމަން ރައިޓްސް އޮފް ދަ މޯލަޑިވްސް، އެޗްއާރުސީއެމްއިން ބަހެއް ބުނެފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާ އާޒިމާ ވިދާޅުވީ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ހުރިމީހަކު، ޚާއްޞަގޮތެއްގައި ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ބަންދުގައި ހުއްޓާ އެއްވެސް މީހަކު މަރުވެއްޖެނަމަ، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއަކީ މިނިވަން ތަޙްޤީޤެއްކުރުން ކަމަށެވެ.
އާޒިމާ ވިދާޅުވީ ތަޙުޤީޤު ކުރަންޖެހެނީ އޭނާގެ މަރުހިއްޕަވާ ވަގުތު އެކަންޏެއްނޫން ކަމަށާ އޭނާ ބަންދުގައި ހުރި އިރުގެ ކަންކަން ބަލައި، މަރުގައި އެއްވެސް ގޯހެއްނެތްކަން މިނިވަންކަމާއެކު ޔަޤީންކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.
މީގެއިތުރުން އާޒިމާ ވިދާޅުވީ މިނިވަން ތަޙުޤީޤެއް ކުރަންޖެހެނީ ގޯހެއް އޮތްނަމަ ފިޔަވަޅުއެޅުމަށްޓަކައި ކަމަށާ އަދި އެއީ މަރުވިމީހާގެ ޢާއިލާގެ ހަމަޖެހުމަށްޓަކައި އަދި އޭނާ ބެލެހެއްޓި ދައުލަތުގެ މުއައްސަސާގެ މުއައްޒަފުންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
"ރާއްޖޭގައި އެކަންކުރަން ދުސްތޫރީ އަދި ޤާނޫނީ ޒިންމާއޮތީ ހިޔުމަންރައިޓްސް ކޮމިޝަންގައި. އެހެނަސް މަރަށް 24 ގަޑިއިރުވީއިރު، އަދި ހިޔުމަން ރައިޓްސް ކޮމިޝަންގެ ބަހެއްނީވޭ! ދެރަވަރުކަންކަން!" އާޒިމާގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އާޒިމާ ވިދާޅުވީ ރާއްޖޭގައި އެފަދަ ތަޙުޤީޤެއް ކުރަން ދުސްތޫރީ އަދި ޤާނޫނީ ޒިންމާއޮތީ ހިޔުމަންރައިޓްސް ކޮމިޝަންގެ ކިބާގައި ކަމަށާ އެހެނަސް މަރަށް 24 ގަޑިއިރުވީއިރު، އަދި ހިޔުމަން ރައިޓްސް ކޮމިޝަންގެ ބަހެއްނީވޭ ކަމަށާ އެއީ ދެރަވަރުކަންކަން ކަމަށެވެ.