ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ 50 ބިދޭސީން މިއަދު ވަނީ އިމިގްރޭޝަނާ ހަވާލުކުރެވިފައި: ޝިފާން

ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ 50 ބިދޭސީން މިއަދު ވަނީ އިމިގްރޭޝަނާ ހަވާލުކުރެވިފައި ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ޤާނޫނީ ފިޔަވަޅު އެޅުމުގެގޮތުން ފުލުހުންހިންގާ އޮޕަރޭޝަންގެ ތެރެއިން 50 ބިދޭސީން މިއަދުވަނީ އިމިގްރޭޝަންއާއި ހަވާލުކުރެވިފައި ކަމަށެވެ.

ޝިފާން ވިދާޅުވީ ފުލުހުން ހިންގި އެ އޮޕަރޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަންގެ އިސްނެންގެވުމާއިއެކު ހިންގިފައިވާ މަސައްކަތެއް ކަމަށެވެ.

ޝިފާން މިފަދައިން ވިދާޅުވެ ޕޯސްޓް ކުރައްވާފައި މިވަނީ މާލޭގެ މަޖީދީމަގުގައި ހުންނަ "ހާފް ޕްރައިޒް" ތަރުކާރީ މާރުކޭޓް، ފުލުހުން ބަލާ ފާސްކުރަމުންދާ ކަމަށް ބުނެ އާންމު ކޮށްފައިވާ ވީޑިއޯއެއް ހިއްސާ ކުރައްވަމުންނެވެ.

މާލޭގައި ބިދޭސީން ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރަމުން އަންނަ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ގިނަވެފައިވާ މިދަނޑިވަޅުގައި ޝިފާންގެ މި ޕޯސްޓަށް ކޮމެންޓްކޮށް ގިނަ ބަޔަކު ވަނީ މި މަސައްކަތަށް ތަޢުރީފު ކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ބިދޭސީން ޓެކްސް ނުދައްކާ ވިޔަފާރިކޮށް ގިނަ އަދަދަކަށް ޑޮލަރު ރާއްޖެއިން ބޭރުކުރާ ކަމަށާ ގިނަމީހުން މިފަދަ ވިޔަފާރިތައް ހިންގަނީ ދިވެއްސެއްގެ ނިވަލުގައި ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!