ޤުރުއާން ހިތުދަސްކުރާ ކުދީންނަށް ދައުލަތުންދޭ އިނާޔަތްތައް އިތުރުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކިރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އިފްތިތާޙް ކުރުމަށް ރޭ ކުރިއަށްދިޔަ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ކީރިތި ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ދައުލަތުގެ ފަރާތުން ދޭ އިނާޔަތާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިތުރުކުރައްވާނެކަމަށާ މި ސަރުކާރުގެ އެއް އަމާޒަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް އަހަރަކަށްފަހު އަހަރެއް ހަރުދަނާކުރުން ކަމަށެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ހިންގުން ހަރުދަނާ ކުރުމުގެ ސަބަބަކީ، އެ މުބާރާތަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނުގައި ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު މުބާރާތް ކަމުގައިވުމުން ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވިފަހުން ދީނީ ކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން ކަންކަން ކުރިއަށްދާކަމަށާ ރައީސްގެ އެންމެ މުހިއްމު އަމާޒަކީ ރާއްޖޭގައި އިސްލާމް ދީނަށް ލޯބިކުރާ ބައެއް އުފެއްދުންކަން ނައިބުރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ހައިބަތާ ޝަރަފްވެރިކަން އިތުރުކުރައްވާނެކަމަށާއި، މި މުބާރާތް ބޭއްވޭ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ކުރައްވާނެ ކަމުގައިވެސް ނައިބުރައީސް ވިދާޅުވިއެވެ.