ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް.. ފޮޓޯ: ރިވާޔާ ނިއުސް

އެމްއޭސީއެލް ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެ: ޝަރީފު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވީ އެކުންފުނީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެ ކަމަށާއި މިހާރު އެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

އަދި ކުންފުނީގެ ޚަރަދު ކުޑަކުރިޔަސް މުވައްޒަފުންގެ އަދަދު މަދުކޮށް މުސާރަ ކުޑަ ނުކުރައްވާނެ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްތައް މި އަހަރުން ފެށިގެން ކުރިއަށްދާއިރު އޭގެ ތެރޭގައި ބައެއް މަސައްކަތްތަކަކީ އެއް މަސައްކަތާއި އަނެއް މަސައްކަތާއި ގުޅުމެއްވާ މަސައްކަތްތަކެއް ކަމަށްވާނަމަ އެ ކަންތައްތައް އެއްކޮށްލާ، އެފިޝަންސީ އިތުރު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

އަދި ކުންފުނި ރީސްޓްރަކްޗަރ ކުރިޔަސް މީހުން ކަނޑާލުމުގެ ވިސްނުމެއް ނެތް ކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އައު ޓާމިނަލްގެ މަސައްކަތް ނިމެން ކައިރިވެފައިވާއިރު، އެތަނަށް ވެސް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށެވެ.

"ކުންފުނި ރީސްޓްރަކްޗަރ ކުރުމަކީ އެފިޝަންޓް ކުރުން. މީހުންތަކެއް ކަނޑާލުމެއް ނޫން. ކުންފުނީގެ އައު ޓާމިނަލަށް އަދިވެސް އައު މުވައްޒަފުން ބޭނުންވޭ، މީހުންތައް ބޭނުންވަންޏާ ކީއްކުރަންތޯ މީހުން ކަނޑަންވީ. ވިސްނުމެއް ނެތް މީހުން ކަނޑާލާކަށް،" އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!