ނޭޕާލްގެ ބައެއް ސަރަޙައްދުތަކަށް ކުރި ވިއްސާރާގައި ބިންގަނޑު ކެނޑި ނުވަ މީހުން މަރުވެއްޖެ

ނޭޕާލްގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ބިންގަނޑު ކެނޑި ކިސަޑު ފޭބުމުގެ ސަބަބުން ނުވަ މީހުން މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާގައި މަރުވި ނުވަ މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ. އަދި 28 މީހަކު ވީނުވީއެއްނޭންގި ގެއްލިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިހާދިސާ ހިނގާފައިވަނީ ނޭޕާލްގެ ވެރިރަށް ކަތްމަންޑޫއާ 250 ކިލޯމީޓަރު ހުޅަނގުން އޮންނަ ސަރަޙައްދެއް ކަމުގައިވާ ގުލްމީ ޑިސްޓްރިކްޓުގެ މަލިކާގައެވެ.

މިހާދިސާގައި ޢާއިލާއެއް ދިރިއުޅޭ ގެއެއް ވަޅުލެވިފައިވާއިރު  ނޭޕާލްގެ ކާރިސާތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ދީޒާން ބަރްޓަރާއީ ބުނީ އެ ޢިމާރާތުގެ ދަށުގައި ވަޅުލެވުނު ފަސް މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އަދި އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށްވެސް ބަރްޓަރާއީ ބުނެފައިވެއެވެ.

ބަރްޓަރާއީ ބުނީ ބިންގަނޑު ކެނޑުމުގެ އިތުރު ހާދިސާތައް ހިނގާފައި ވަނީ ގުލްމީއާ އިންވެގެން އޮންނަ ސިޔަންޒާއާއި ބާގްލުންގ ޑިސްޓްރިކްޓުގައި ކަމަށެވެ.

އަދި ސިޔަންޒާގައި ޢިމާރާތެއް ވެއްޓި އަންހެނަކާއި ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރުވެފައިވާ ކަމަށާއި ބާގްލުންގގައި ވެސް އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!