އިސްރާއީލުގައި ކުރިޔަށްދާ މުޒާހަރާގެ ތެރެއިން

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ވާހަކަތަކަށް ކުރިއެރުމެއް ނުލިބޭކަމަށް ހަމާސް އިން ބުނެފި

ހަމާސް އާއި އިސްރާއީލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ކުރިއެރުމެއް ނާންނަކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސް އިން މިހެން ބުނެފައިވާއިރު އެތައް ހާސް ބަޔަކު އަންނަނީ އިސްރާއީލުގެ ތެލްއަވީވްގެ މަގުތަކަށް ނިކުމެ ވީއެންމެ އަވަހަކަށް އެއްބަސްވުމަކާ ހަމައަށް އައިސް އަސީރުން ވީ އެންމެ އަވަހަކަށް މިނިވަންކޮށްގެން ގެނައުމަށް ގޮވާލަމުންނެވެ.

ހަމާސްގެ ސީނިއަރ އޮފިޝަލެއްކަމުގައިވާ އޮސާމާ ހަމްދާން ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ކޮންމެ އެއްބަސްވުމަކަށް އެއްބަސްވާން ހަމާސް އިން އޮތީ ތައްޔާރަށެވެ.

ލުބުނާންގެ ބެއިރޫތްގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމްދާން ވިދާޅުވީ ދާއިމީ ގޮތެއްގައި ހަނގުރާމަ ނިމުމަކަށް ގެނެސް އިސްރާއީލްގެ އަސްކަރިއްޔާ ޣައްޒާއިން ފައިބާ، އަސީރުން ބަދަލުކުރެވޭނެ ކޮންމެ އެއްބަސްވުމަކަށް ހަމާސް އޮތީ ތައްޔާރަށެވެ.

އެމެރިކާގެ ބައިވެރިވުމާއެކު އަރަބި ގައުމުތަކުން މެދުވެރިއެއްގެ ދައުރު އަދާކުރާ ގޮތަށް ކުރިޔަށްދާ މަޝްވަރާތަކުގައި އަދި މިހާތަނަށް ހަނގުރާމަ ހުއްޓާލުމާއި ގުޅޭގޮތުން އެއްބަސްވުމަކާ ހަމައަށް އާދެވިފައެއްނުވެއެވެ. ހަމާސް އިން ބުނަމުން އަންނަނީ އެއްބަސްވެވޭވީ ހަނގުރާމަ ދާއިމީ ގޮތެއްގައި ނިމުމަކަށް އައިސް އިސްރާއީލު އަސްކަރިއްޔާ އެއްކޮށް ޣައްޒާއިން ފައިބައިގެން ދާނެ އެއްބަސްވުމަކަށެވެ. އިސްރާއީލުން ބިނަމުން އަންނަނީ އެއްބަސްވެވޭނީ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލުމަށްކަމަށެވެ. އަދި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލާނީ ހަމާސް އެއްކޮށް ފުހެލުމަށްފަހުކަމަށް ވަނީ ބުނެފައެވެ.

ހަމްދާން ވަނީ އެމެރިކާއިން ހަމާސް އަށް އިސްރާއީލުގެ ހުށަހެޅުންތައް ގަބޫލުކުރުމަށް ޕްރެޝަރ ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

advertisement
ހިޔާލު ދެއްވާ!