ކުރީ ސަރުކާރުގައި އެންމެ ބޮޑު އިޙުމާލެއް އޮތީ ކުންފުނިތަކުގެ މާލީ ޙާލަތު ބެލެހެއްޓުމުގައި: މުނައްވަރު

ކުރީ ސަރުކާރުގައި އެންމެ ބޮޑު އިހުމާލެއް އޮތީ ކުންފުނިތަކުގެ މާލީ ޙާލަތު ބެލެހެއްޓުމުގައި ކަމަށް މިހާރުގެ މާލީ ވަޒީރުގެ އެޑްވައިޒަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މުނައްވަރު މިފަދައިން ވިދާޅުވީ ޕީއެސްއެމް ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގައި އެންމެ ބޮޑު އިޙުމާލެއް އޮތީ ކުންފުނިތަކުގެ މާލީ ޙާލަތު ބެލެހެއްޓުމުގައި ކަމަށާއި އެއީ ދަޢުލަތުގެ ބަޖެޓުގެ ޚަރަދު ބޮޑުވެ، ނުކަތައިގެން ދިޔަ އެންމެ ބޮޑު ސަބަބު ކަމަށެވެ.

މުނައްވަރު ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވެގެން ދިޔައީ ނިމުނު ސަރުކާރުގައި މާލީ މުހިންމު، ގިނަ ޒިންމާތަކެއް ދޫކޮށްލުމުގެ ސަބަބުން ކަމަށާއި ޚަރަދު ބޮޑުވާން ދިމާވި ސަބަބުތަކުގެ ތެރޭގައި އެއްވެސް ބެލުމެއް ނެތި މުވައްޒަފުން އިތުރުކޮށް، ނުބައްދަލު މުސާރަ ދިނުމާއި މަޝްރޫޢުތައް ރޭވުމުގައި ޖުމްލަ ޚަރަދަށް ބަލައި މަސައްކަތްތައް ރާވާފައި ނެތުން ހިމެނޭ ކަމަށެވެ.

މުނައްވަރު ވަނީ މިދިޔަ ވެރިކަމުގެ ދައުރު ނިމުނުއިރު ސަރުކާރުގެ ޚަރަދުތައް ކޮންޓްރޯލުން ނެއްޓި އާމްދަނީއަށްވުރެ ޚަރަދުތައް އިތުރުވެ، ޑެފިސިޓް ޚަރަދު އޮތީ 53 ބިލިއަން ރުފިޔާގައިކަން ފާހަގަކުރައްވާފައެވެ.

އަދި އެއީ އަހަރަކަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ވެރިކަން ނިމުނުއިރު ސަރުކާރާއި ކުންފުނިތަކުގެ ދަރަނި ހިމެނޭގޮތަށް ރާއްޖޭގެ ދަރަނި 200 ބިލިއަނަށް އަރާފައިވާ ކަމަށާއި 2018 ނިމުނުއިރު ކުންފުނިތަކަށް ދެމުންދިޔައީ 500މިލިއަނެއްހާ ރުފިޔާ ކަމަށެވެ.

ނަމަވެސް މިދިޔަ 5 އަހަރުގައި އަހަރަކު 6 ބިލިއަނާ ހަމައަށްވެސް ފައިސާ ދީފައި އެބަހުރިކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

advertisement
ހިޔާލު ދެއްވާ!