ބައެއް އަތޮޅު ކައުންސިލްތަކުން ބޭކާރު ހަރަދުތައްކޮށް ރާއްޖެއިން ބޭރަށް ދަތުރުތައް ކުރަމުންދޭ: ނާޒިމް

ބައެއް އަތޮޅު ކައުންސިލްތަކުން ބޭކާރު ހަރަދުތައްކޮށް ރާއްޖެއިން ބޭރަށް ދަތުރު ކުރަމުންދާ ކަމަށް މަޖިލީހު ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ނާޒިމް މިފަދައިން ވިދާޅުވީ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލްގެ ބަހުސް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމު ވިދާޅުވީ ފިސްކަލް ޒިންމާއަށް ޒިންމާވުމުގެ ބާރު ނެތް ބައެއް ހާލަތްތައްވެސް ގާނޫނުތަކުން ވުޖޫދުކުރެވިފައިވާ ކަމަށެވެ.

އަދި މިގޮތުން ލޯކަލް ކައުންސިލްގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން އެ ކައުންސިލްތަކުން ހިފަނީ އެއްވެސް މާލީ ޒިންމާދާރުކަމެއް ނެތި ކަމަށް ނާޒިމު ވިދާޅުވި އެވެ.

ދައުލަތުގެ ވިސްނުމާ އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުން ބަދަލުވާންޖެހޭ ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ކައުންސިލްތަކުން ޒިންމާދާރުނުވާނަމަ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެން ޒިންމާދާރުވާން ޖެހޭ ކަމަށާއި ރައްޔިތުންގެ މެމްބަރުން ހޮވާފައި މަޖިލީހަށް ފޮނުވީ އެކަންތައްކުރަން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން އެކަންތައް ކުރާނަން. އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހެއް ގެނެސްގެން ނަމަވެސް އަޅުގަނޑުމެންގެ ދައުލަތުގެ ވިސްނުމާ އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުންވެސް އެބަޖެހޭ އެނބުރެން އެކަންތައް އެބަޖެހޭ ރަނގަޅުވާން. އިގުތިސާދު މިހާ ދަތިވެފައި އޮތް ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތަކުން ތުރުކީ އާއި ދުބާއީ އާއި ބެންކޮކަށް ދަތުރުކުރަމުންދާކަން އަޅުގަނޑު ފާހަގަކުރަން،" ނާޒިމު ވިދާޅުވި އެވެ.

advertisement
ހިޔާލު ދެއްވާ!