ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ރަމީޒް

މަޖިލީސް މެމްބަރުންގެ މުސާރަ އަމިއްލައަށް ކަނޑައަޅަން އޮންނައޮތުން ބަދަލު ކުރަން ޖެހޭ: ޢަލީ ރަމީޒް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އަމިއްލައަށް ކަނޑައަޅަން އޮންނައޮތުން ބަދަލު ކުރަން ޖެހޭކަމަށް ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ޢަލީ ރަމީޒު އެބޭފުޅާގެ 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ އިތުރުން މެމްބަރުންނަށް ލިބޭ ތަފާތު އިނާޔަތްތައްވެސް އަމިއްލައަށް ކަނޑައަޅަން އޮންނައޮތުން ބަދަލު ކުރަން ޖެހޭކަމަށެވެ.

ޢަލީ ރަމީޒު އިތުރަށް ވިދާޅުވެފަވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް އަމިއްލައަށް ކަނޑައެޅުމަކީ ޢަދުލުވެރިކަމާއެކު އެކަން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ ދައުލަތުގެ ޚަރަދުކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން ގެންދާ މިދަނޑިވަޅުގައި، ސިޔާސީ މަޤާމުތައް މަދުކުރުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން އާންމު ރައްޔިތުން ގޮވާލަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ހުށަހެޅުނު ޤަރާރަށް މަޖިލީހުގައި މިއަދު ކުރެވުނު ބަޙުސްގައި،  ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ދެކޮޅު ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ، އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް މިހާރު މުސާރައިގެ ގޮތުގައި ކޮމިޓީ އެލަވަންސާ އެކު 82،500 އާ ގާތްކުރާ އަދަދަކަށް ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮންމެ މެމްބަރަކަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި 24،000 ރުފިޔާ ދައްކައެވެ. އެހެންކަމުން މަޖިލީހުގެ ޖުމްލަ 93 މެމްބަރުންނަށް އިންޝުއަރެންސްގެ ގޮތުގައި 2.2 މިލިއަން ރުފިޔާ އަހަރަކު ދައްކަން ޖެހެއެވެ. މީގެއިތުރުން އެ މެންބަރުންނާއި މެންބަރުންގެ އަނބިދަރީންނަށް އާސިޔާންގެ ޤައުމުތަކުން ހިލޭ ބޭސް ފަރުވާ ވެސް ކުރެވެއެވެ.

advertisement

1 Comment

ހިޔާލު ދެއްވާ!