ޑެސްޓިނޭޝަން މާކެޓިން އަދި ޕްރޮމޯޝަންގެ ދާއިރާއިން ޕަބްލިކް ރިލޭޝަން (ޕީއާރު) ކުންފުނި ތަކަކީ އެބަޔަކު ޕްރަމޯޓްކުރާ މަންޒިލްތަކުގެ ތަސައްވުރު ރަގަޅުކޮށް، އެތަނަކަށް ޒިޔާރަތްކުރާން ބޭނުންވާ ފަރާތްތަކުގެ ހިތްތަކުގައި އެ މަންޒިލެއްގެ ޝައުގުވެރިކަން އުފެއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތް ތަކެވެ. ނަމަވެސް އެފަރާތްތަކާއެކު އެއްބަސް ވެވިފައިވާ ގޮތާއި ޚިލާފުވެ، މާލީ ވާޖިބުތަކަށް އިހުމާލުވެ، އެމަންޒިލެއް ތަމްސީލުކޮށް ޕްރޮމޯޓްކުރާ އެތައް ޕީއާރު ފާމުތަކެއްގެ ދަރަނިތައް ބޮޑުވެ، ބަނގުރޫޓް ވާހިސާބަށް ކަންކަން ދިއުމުން، އޭގެ ނޭދެވޭ އަސަރު އެ މަންޒިލަކަށް ކުރާނެކަމީ ޝައްކެއް އުފެދޭކަމެއް ނޫނެވެ.
މިލިޔުމުގައި ބަލާލާނީ ފަތުރުވެރި މަންޒިލްތަކުން އެމަންޒިލެއް ޕްރަމޯޓްކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ، ޕީއާރު ޕާޓްނަރުންނަށް ވާނުވާނޭގި، ގުޅުންކުޑަވެ، މަހުންމަހަށް ދައްކަންވާ ފައިސާ ނުދެއްކުމުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކާއި، އަދި މިފަދަ ޕީއާރު ކުންފުނިތަކުން އެފަދަ މަންޒިލްތަކާ ދެކޮޅަށް ފާޅުގައި ނިކުތުމުން ކުރިމަތިވެދާނެ ބޮޑެތި ގެއްލުން ތަކުގެ މައްޗަށެވެ.
ޙާލަތާއި ގުޅިގެން އަންނާނެ ލޮޅުންތަށް، (ޑޮމިނޯ އިފެކްޓް)!
އިތުބާރާއި ޔަގީންކަން ގެއްލުން: ކުރުވާފައިވާ މަސައްކަތުގެ އުޖޫރަ ނުވަތަ އަގު، ކަނޑައެޅި އެއްބަސް ވެވިފައވާ މުއްދަތުގައި، ދައްކާ ޚަލާޞްކުރުމަކީ، ހަމައެކަނި މާލީ މުއާމަލާތެއް ނޫނެވެ. އެއީ ދެފަރާތުގެ ޕާޓްނަޝިޕަށް ކުރާ އިޙްތިރާމާއި، ވެވިފައިވާ ވަޢުދަށް ހުރުމަތްތެރިވުން ދައްކުވައިދޭ ކަމެކެވެ. ކުރުވާފައިވާ މަސައްކަތަށް ދޭން އިޤްރާރުވި ފައިސާ ދެއްކުން ލަސްވުމުން، ނުވަތަ ފައިސާ ނުދައްކައިގެން ކުރެވޭ މުޢާމަލާތަށް އިޖާބަދިނުން ލަސްވުމުން، އެ މަންޒިލަކާއި އެ މަންޒިލެއް ތަމްސީލުކުރުމަށް އެކިތަންތަނުގައި މަސައްކަތްކުރާ ޕީއާރު ކުންފުނިތަކާ ދެމެދު އޮންނަ ގުޅުންކެނޑި، އިތުބާރު ގެއްލިގެން ދާނެއެވެ. މިހެން ކަންކަން ވާންފެށުމުން، އެތަށް ހޭދައެއް ކޮށްގެން ކުރުވި މާކެޓިން ކެމްޕޭންތަކުން ނެރެންބޭނުންވި ނަތީޖާ ނުނެރެވި، އެ މަންޒިލެއްގެ ޖުމްލަ ތަޞައްވުރަށް، ދިގުދެމިގެންދާ ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.
ޕްރަމޯޝަންތަކުން ނެރެންބޭނުވި ނަތީޖާ ޙާޞިލް ނުވުން: ޕީއާރު ކުންފުނިތަކުން އެބަޔަކު ބަލަހައްޓާ ފަތުރުވެރި މަންޒިލްތަކަށް ފައިދާހުރި ގޮތެއްގައި ޕްރޮމޯޓްކުރާ އިސްތިރާޖީ ކެމްޕޭން ޙަރަކާތްތަކަކީ، މުޅިންހެންވެސް މާލީ ވަސީލަތްތަކަށް ބަރޯސާވާ ކަންކަމެވެ. މިފަދަ ކަންކަ ކުރުވުމަށްފަހު، ހިނގާފައިވާ ޚަރަދު، އެއްބަސްވުމުގެ މުއްދަތު ހަމަވާފަހުން ދައްކާނަމަ، ނުވަތަ ނުދައްކާ އެތައްދުވަހެއް ދިގުލައިގެން ދާނަމަ، އެކަންކަމާއި ޙަވާލުވެތިބޭ ކުންފުނިތަކަށް ބަޖެޓްގެ ދަތިކަން ކުރިމަތިވެ، ޕްރޮމޯޝަނަލް މަސައްކަތްތައް ކުރުމުގެ ނިޔަތް ގޯސްވެ، މީޑިއާގެ ކަވަރޭޖް ދަށްވެ، ވާދަވެރި ފަތުރުވެރިކަމުގެ މާހައުލުގައި، އެ މަންޒިލެއްގެ އަޑުމަޑުވެ، ޕްރެޒެންސް ބަލިކަށި ވެދާނެއެވެ.
ގުޅުންތަށް ހީނަރުވެ ހަލާކުވުން: ޕީއާރި ކުންފުނިތައް މެދުވެރިކޮށް ކުރުވާ މަސައްކަތްތަކަށް ދައްކަންޖެހޭ އަގު ބަރާބަރަށް ނުދައްކާނަމަ، އެކަމުގެ ސަބަބުން އެކުންފުނި ތަކަށް ކުރާ މާލީ ގެއްލުމުގެ އިތުރަށް، އެ މަންޒިލްތަކާއި އެތަންތަނުގެ ޕީއާރު ކުންފުނިތަކާއި ދެމެދު އޮންނަ ގުޅުންތައް ގޯސްވެ ހީނަރުވާނެކަމީ ކަށަވަރު ކަމެކެވެ. އެއް ޒަމާނެއްގައި އެއްބާރުލުންދީގެން ދެފަރާތަށް ފައިދާހުރި ޕާޓްނަޝިޕަކަށް ވާގޮތަށް ކުރަމުންދިޔަ އެންމެހާ ކަންކަމަކީ، މާޔޫސްކަމާއި، ނުރުހުމާއި، ނަފްރަތާއި، ޙަސަދައިގެ ކުލަވަރު ޖެހިފައިވާ ކަންތައް ގަނޑަކަށް ބަދަލު ވެދާނެއެވެ.
ޕީއާރު ކުންފުނިތަކުން ފަތުރުވެރި މަންޒިލަކާ ދެކޮޅަށް ނިކުތުމުން ވާނެ ގެއްލުން!
އަގުވެއްޓުން: ޕީއާރު ކުންފުނިތަކުން އެކުގައި މަސައްކަތް ކޮށްދީފައިވާ ފަތުރުވެރި މަންޒިލްތަކުގެ ވަރުގަދަ ކަންކަމާއި، ބަލިކަށި ކަންކަމާބެހޭ ފުރިހަމަ މަޢުލޫމާތު، އެކުންފުނިތަކަށް ލިބިފައިވުމުން، ކޮށްފައިވާ މަސައްކަތަށް ފައިސާނުދޭނަމަ، އަދި އެކަށީގެންވާ މިންވަރަކަށް މާލީ މައުލޫމަތު ބަދަލު ނުކުރެވޭނަމަ، ދެފަރާތުގެ ގުޅުމާމެދު ނުތަނަވަސް ކަމުގެ އިހުސާސް ކުރެވެން ފެށުމުން، އެ މަންޒިލަކާމެދު ނުރަގަޅު ޕަބްލިސިޓީ އުފެދެން ފަށާ، ކުރިން އެފަދަކަންކަން ދިފާޢުކުރި ޕީއާރު ކުންފުނިތަކުން ހަނު ތިބެންފެށުމުން، އެ ދެކެވޭ ވާހަކަތަކަކީ ތެދު ވާހަކަ ތަކެއްކަމަށް މީހުންނަށް ޤަބޫލު ކުރެވެންފަށާ، އެމަންޒިލެއްގެ އަގުވެއްޓި، އިތުބާރުގެއްލި، މަޤްބޫލުކަން ނެތިދިޔުމަކީ ނުވެ ނުދާނެ ކަމެކެވެ.
ދިފާއުކުރުން ހުއްޓާލުން: ޕީއާރު ކުންފުނިތަކަކީ އާންމުކޮށް އެބަޔަކު ބަލަހައްޓާ ފަތުރުވެރި މަންޒިލްތަކާ ގުޅޭގޮތުން އެންމެ އަޑުގަދަކޮށް، އެމަންޒިލެއްގެ ދިފާޢުގައި ވަކާލާތުކުރާ ފަރާތްތަކެވެ. އަދި އެމީހުންގެ ތަޖުރިބާ ބޭނުންކޮށްގެން، ފަތުރުވެރިންނާއި، އިންވެސްޓަރުން ޝައުގުވެރިވާ ކަހަލަ އެތަށް ވާހަކަތަކެއް ތައްޔާރުކޮށް ފަތުރާ ބައެކެވެ. މިފަދަ ކުންފުނިތަކުން އެބަޔަކު ކުރިން ދިފާޢުކޮށް، ޕްރަމޯޓްކޮށް، ތަމްސީލުކުރަމުން ދިޔަ ފަތުރުވެރި މަންޒިލްތަކާ ދެކޮޅަށް ތެދުވާން ނިންމުމުން، އެ ކުންފުނިތަކުގެ ނުފޫޒުން، އެ ފަތުރުވެރި މަންޒިލުގެ މަޤްބޫލުކަން ނައްތާލާ، އަގުވައްޓާލާ، އިތުބާރު ގެއްލިގެން ދާގޮތަށް ޢަމަލުކުރަން ފެށުމަކީ، ދުރުކަމެއް ނޫނެވެ. މިހެން ވެއްޖެނަމަ، އެކަމުގެ ހިތިރަހަ، ދިގު މުއްދަތެއްގައި އެ ފަތުރުވެރި މަންޒިލްތަކުން ތަޙައްމަލް ކުރާން ޖެހޭނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.
ގާނޫނީ ފިޔަވަޅު އެޅުން: ކުރިން ކުރުވާފައިވާ މަސައްކަތުތުގެ ފައިސާނުލިބި، ކުންފުނިތައް ބަނގުރޫޓުވެ، މުވައްޒަފުންގެ އާއިލާތަށް ބަނޑަށްޖެހި، ބޭންކުތަކަށް ދަރާހުލިވުމުން، ދެން ޤާނޫނީ ޙައްލެއް ހޯދޭތޯ މަސައްކަތް ފަށާނެކަމީ ކަށަވަރު ކަމެކެވެ. މިހިސާބަށް ކަންތަށް ދިއުމުން ކުރިން އެކުގައި މަސައްކަތްކުރި ފަރާތްތަކުގެ، ހުރިނަމަ ހުރިހުރިހާ ގޯސްތަކެއްގެ ވާހަކަ ދެއްކުމަކީ ޠަބަޢީ ކަމެކެވެ. މިހެންވުމުން އެ ފަތުރުވެރި މަންޒިލްތަކަށް މާލީ އިތުރު ބުރަތަކާ ކުރިމަތިލާން ޖެހުމުގެ އިތުރަށް، އަގުވެއްޓި، ބަދުނާމުވެ، އެ މަންޒިލަކާބެހޭ ނުރަނގަޅު ތަޞައްވުރުތަކެއް އުފެދި، އޭގެ ގެއްލުން ދިގުމުއްދަތަކަށް ކުރާނެކަމީ ކަށަވަރު ކަމެކެވެ.
މިޙާލަތުން އަރައިގަތުމަށް ކުރެވޭނީ ކޮންކަމެއް؟
ހާމަކަންބޮޑު، ޒިންމާދާރު ގުޅުމެއް ގާއިމުކުރުން: ޕީއާރު ކުންފުނި ތަކާއެކު ދެފަރާތަށް ލާބައާއި މަންފާ ލިބޭފަދަ، ދުޅަހެޔޮ ގުޅުމެއް ދެމެހެއްޓުމަށް ޓަކައި، މާލީ ކަންކަމާ ގުޅޭގޮތުން ފާޅުކަން ބޮޑު ގޮތެއްގައި މުޢާމަލާތް ކުރުމާއި، ވެފިފައިވާ ވަޢުދުތަކާއި އެއްބަސްވުންތަކާ އެއްގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުން ވަރަށް މުހިންމެވެ. ފަތުރުވެރި މަންޒިލްތަކުން އެ މަންޒިލްތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާ ބެހޭ ގޮތުން ފާޅުގައި މުއާމަލާތްކޮށް، ދެ ފަރާތަށް ވެސް ފައިދާހުރި ހައްލުތަކެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަކީ، ޒިންމާދާރު ކަމާއެކު ކުރެވިދާނެ ކަމެކެވެ.
ދަރަނި އަދާކުރުމަށް އިސްކަން ދިނުން: ހެދިފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ފައިސާގެ މުޢާމަލާތްތަށް ނިންމާ ޚަލާޞް ކުރުމަކީ އިތުރު ބަޙުސަކާނުލާ ފަތުރުވެރި މަންޒިލްތަކުން ކުރަންޖެހޭ ވަރަށް މުހިންމު ކަމެކެވެ. އެންމެ މުހިންމުކަމެއް ދޭންވާނީ ޕީއާރު ކުންފުނިތަކުން ކުރާމަސައްކަތުން އެމަންޒިލެއްގެ ތަޞައްވުރު ނުވަތަ އިމޭޖް ރަގަޅުކޮށް، މަތިކޮށް، ދަމަހައްޓާ، ޒިޔާރަތްކުރާ ފަރާތްތައް ޝައުގުވެރި ކުރުވުމުގައި އަދާކުރާ މުހިންމު ދައުރު ދެނެގަނެ، އެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެނދެވޭނެހެން ތަރުތީބުކޮށް، އެފަރާތްތަކާއެކު ވެވިފައިވާ މާލީ ވައުދުތަކަށް އިހުތިރާމްކޮށް، ގުޅުން ހަރުދަނާ ކުރުމަކީ ދެފަރާތުންވެސް އިސްކަންދޭ ކަމެއްކަން ސާބިތު ކޮށްދިނުމަށެވެ.
އިތުބާރު އަލުން އުފެއްދުން: ބިލްތަކަށް ފައިސާދެއްކުން ލަސްވުމާއި، މައުލޫމާތު ބަލަކުރުން ހީނަރުވެފައިވާ ޙާލަތްތަކާއި، ދަނޑިވަޅު ތަކުގައި، އެ މަންޒިލެއް ތަމްސިލުރުމަށް އައްޔަން ކޮށްފައިވާ ޕީއާރު ކުންފުނި ތަކާއެކު ގުޅުން ބަދަހި ކުރުމުގެ މަސައްކަތަށް އިތުރު ސަމާލު ކަމެއްދީގެން ކުރިޔަށް ގެންދިއުމަށް ޚާއްޞަ އިސްކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. މާޒީގައި ކަންކަން ހިނަގާފައިވާ ގޮތްތަކާމެދު، ޢިޚްލާޞްތެރި ނިޔަތާއެކު މަޢާފަށް އެދުމާއި، މާލީ ޝަރުޠުތަކާއެކު އަލުން މުޢާމަލާތުކުރަން ފެށުމާއި، ނުދެއްކިވާ ބިލްތައް އަދާކުރަން ފެށުމުގެ ކަންކަން އަވަސްކުރުމުން، ގެއްލިފައިވާ އިތުބާރާއި ގުޅުން ބިނާވުމުގެ މަރުޙަލާ ކުރިއަށް ދާނެކަމަށް ބެލެވެއެވެ.
ކުރުކޮށް ދަންނަވާނަމަ، ފަތުރުވެރި މަންޒިލްތައް ތަމްސީލުކުރާ ޕީއާރު ކުންފުނި ތަކާއެކު ހެދިފައިވާ އިޤްރާރުތަކުގެ ތެރެއިން، ދައްކަން ޖެހޭ ފައިސާ، ކަނަޑައެޅިފައިވާ މުއްދަތަށް ނުދެއްކި ލަސްވަމުން ދާނަމަ، އެކަމުން ނުކުންނަ ނޭދެވޭ ނަތީޖާތަކަކީ ކާރި، މެދު، އަދި ދުރު ރާސްތާއެއްގައި، ފަނާކުރުވަނި ގިނަގުނަ އަސަރުތަކެއް، އެ މަންޒިކަށް ކޮށްފާނެ ކަމެކެވެ. ޕީއާރު ކުންފުނިތަކުން ކުރިން ޕްރޮމޯޓްކުރި މަންޒިލްތަކާއި ދެކޮޅަށް ތެދުވާން ނިންމުމުން، އެކަމުގެ ގެއްލުން އިތުރަށް ފުންވެ، އެ މަންޒިލެއްގެ ތަސައްވުރާއި، އިތުބާރާއި، މަޤްބޫލުކަމަށް ކުރާ ނޭދެވޭ އަސަރުގެ ހިތި ރަހަ، ދިގުމުއްދަތަކަށް ތަޙައްމަލުކުރަން ޖެހިދާނެއެވެ. މިކަންކަމުން ސަލާމަތްވުމަށް، ވެވިފައިވާ އެއްބަސްވުން ތަކަށް އިޙްތިރާމްކޮށް، މާލީ ޒިންމާތައް އަދާކުރުމަށް އިސްކަންދީ، ހުޅުވިފައިވާ މުޢާމަލާތީ ގުޅުމެއް ދަމަހައްޓާ، ދެފަރާތަށްމެ ލާބަޔާއި މަންފާ ލިއްބައިދެނިވި ގޮތަކަށް ޢަމަލުތަށް ތަރުތީބުކުން ބޭނުންތެރި ވެގެންވެއެވެ.