އެންސްޕާގެ ސީއީއޯ ހީނާ ވަލީދު

ސަރުކާރު ޚަރަދުގައި އައިވީއެފް ހަދަން ފުރަތަމަ ބުރުގައި ޝަރުތު ހަމަވި 37 މީހުން ކަނޑައަޅައިފި!

އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައި ހަދަން ހުޅުވާލި ފުރަތަމަ ބުރަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހަކު ކަނޑައަޅައި އެހީ ދޭން ނިންމައިފިއެވެ.

އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެހީއަށް އެދުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލީ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ.

އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައި ހަދަން ހުޅުވާލި ފުރުސަތު މިދިޔަ މެއި މަހުގެ 15ގެ ނިޔަލަށް ހަމަވި އިރު، އެހީއަށް އެދި 153 މީހުން ހުށަހެޅި ކަމަށް އެންސްޕާ އިން ބުންޏެވެ. އޭގެ ތެރެއިން ކަނޑައެޅި ޝަރުތު ހަމަވި 37 މީހުންނަށް މި މަހުގެ 30ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭން ނިންމާފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ދަރިން ނުލިބޭ މީހުންނަށް ދޭ މި ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާސިލުކުރަން ނިންމި ވަޢުދެކެވެ. ސަރުކާރުން ވީ ވަޢުދާ އެއްގޮތަށް މި އަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށެވެ.

އެންސްޕާއިން ބުނީ، އަދި މިހާރު ލިޔެކިޔުން ހަމަކޮށް ހުށަހަޅާފައި ނުވާ މީހުންނާއި އަލަށް އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް މި މަހުގެ ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެހީއަށް ޝަރުތުހަމަ ނުވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ޙާލަތު ބަދަލުވެފައިވާ މީހުންނަށްވެސް މި މަހުގެ ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ދަރިމައި ނުވާ އަންހެނުންނަށް ދޭ ފަރުވާ އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު ދެމުން އަންނަކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!