ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގެ ދަށުން ހިނގަމުންދާ ބައެއް އިދާރާތަކުގެ ނަންތަކަށް ބަދަލުގެންނަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިނގަމުންދާ ތިރީގައިވާ އިދާރާތަކުގެ ނަންތަކަށް، 2024 ޖޫން 25ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަދަލުގެންނަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވައިފައެވެ.
މިގޮތުން ގެނެވުނު ބަދަލުގެ ތެރޭގައި، "އ.ދ.ގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަން"ގެ ނަން "ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން"ގެ ނަމަށް، "ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސް" ގެ ނަން "ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން" ގެ ނަމަށް، "ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަން" ގެ ނަން "ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ މިޝަން" ގެ ނަމަށް ވަނީ ބަދަލުކުރައްވައިފައެވެ.
އަދި، 2024 ޖޫން 25ން ފެށިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިނގަމުންދާ އިދާރާތަކަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތައްވެސް އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.
މިކަންކަން އިޢުލާނު ކުރައްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެ ދެންނެވުމަކުންނެވެ. އެއީ ދެންނެވުން ނަންބަރު: 2024/12 އަދި ދެންނެވުން ނަންބަރު : 2024/13 ގެ ދެންނެވުމެވެ.