މަތީ ސާނަވީ މަރުހަލާއަކީ މުސްތަޤްބަލު ބައްޓަންކުރަން ލިބޭ ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަތީ ސާނަވީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު މާލެއާއި އަތޮޅުތަކުގައި ހުރި ފުރުޞަތުތައް މިހާރަށްވުރެ އިތުރުކޮށްދެއްވާނެ ކަމަށެވެ.
ސީ.އެޗް.އެސް.އީއަކީ އެމަނިކުފާނުގެ ތަޢުލީމީ ހަޔާތުގައިވެސް މުހިންމު ހަނދާންތަކެއް ހިމެނޭ ތަޢުލީމީ ބިނާއެއް ކަމަށާއި އަހަރީ ދުވަހު ދަރިވަރުންނާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފަލެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކާމިޔާބު ހާސިލުކުރުމަށް ވަރުގަދަ އަޒުމެއް އޮންނަންޖެހޭ ކަމަށާއި އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު އޮތުން މުހިންމު ކަމަށެވެ.
އަދި މިހާރުގެ ދަރިންނަކީ ޤައުމުގެ މުސްތަޤުބަލުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކިޔަވައިގެން ނިކުންނަށް ދަރިވަރުންނަކީ ޤައުމީ ލޯބި ހުންނަންޖެހޭނެ ބައެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަކީ އެމަނިކުފާނު ޚާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމަށެވެ.
އެގޮތުން މާލެ އާއި އަތޮޅު ތަކުގައި މަތީ ސާނަވީ ތަޢުލީމަށް ހުރި ފުރުޞަތުތައް މިހާރަށްވުރެ ފަހިކޮށް، ފެންވަރު ރަނގަޅު މުދައްރިސުން ބިނާކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރައްވަމުންދާ ކަމަށާއި ކިޔަވައިގެން ނިކުންނަށް ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކާވެސް މަސައްކަތްކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.