ދިވެހިރާއްޖެއަށް މިވަގުތު ދިމާވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުން އަރައިގަތުމަށް އެއްބާރުލުން ދޭނެ ކަމަށާ ސަރުކާރުން މަޖިލީހަށް ހުށަހެޅި އިޤްތިޞާދީ ބިލަށް ތާޢީދު ކުރާނެ ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ބުނެފިއެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ރާއްޖޭއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމުގައި އެމްޑީޕީން އެއްބާރުލުން ދޭނެ ކަމަށެވެ.
އިޤްތިޞާދީ ދަތި ޙާލަތުން އަރައިގަތުމަށް އެކުލަވައިލި ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހުރިކަންކަމަށް ތަޢީދު ކުރާނެކަމަށާ އެގޮތުން ސަރުކާރުގެ ފަރާތުން ހުށައަޅަފައިވާ އިޤްތިޞާދާ ގުޅުންހުރި 3 ބިލަށްވެސް އެޕާޓިން ތާޢިުދކުރާނެކަމަށް ޕީޖީ ގުރޫޕުން ބުންޏެވެ.
މި ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވިދާޅުވީ ޤައުމުގެ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ވަކި ތަރުތީބަކުން މަސައްކަތްތަކެއް ކުރަންޖެހޭކަމަށާ ޤައުމު ސަލަމާތް ކުރުމަށްޓަކައި ކުރަން ޖެހޭ މުހިއްމު ކަންކަން ކުރުމުގައި، އެ ބޭފުޅުންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހިމެނޭ ގިނަ ކަންކަން މިކުއާޓާގެ ތެރޭގައި ތަންފީޒުވާން ފަށާނެ ކަމަށާ ނަމަވެސް، ސަރުކާރުގެ މުއައްސަސަތަކާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު، އެކަންކަން ތަންފީޒުވާ ތަރުތީބަށް ބަދަލުއައުން އެކަށީގެންވާ ކަމަށް މާލީއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވަނީ ވިދާޅުވެފައެވެ.