ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަފީޤު މިފަދައިން ވިދާޅުވީ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި އެކައުންޓަންޓުން ރާއްޖެއިން ބޭރުގެ ކުންފުނިތަކުގައި މަސައްކަތްކޮށް އާމްދަނީ ހޯދާތަން ދެކެން ބޭނުންވާ ކަމަށެވެ.
އަދި ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަން ފާހަގަކުރައްވާ ޑރ. ޝަފީޤު ވިދާޅުވީ ގިނަ ސްކޮލަރޝިޕްތަކެއް މި ދާއިރާއިން މިހާރުވެސް ހުޅުވާލާފައިވާ ކަމަށެވެ.
އެކައުންޓަންޓުންނަކީ ބޮޑު އާމްދަނީއެއް ލިބޭ ބައެއް ކަމަށާއި ރާއްޖޭގައިވެސް އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމަށް ވަޒީރު ވިދާޅުވި އެވެ.
ހަމައެހެންމެ ރާއްޖެއިން ބޭރުގެ ކުންފުނިތަކުގައިވެސް ދިވެހި އެކައުންޓަންޓުން މަސައްކަތްކުރާ ދުވަސް ދެކެން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޑރ. ޝަފީޤް ވިދާޅުވީ އިންޓަރނަލް އޮޑިޓުތައް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށާއި މިއީ މުޅި ދައުލަތަށްވެސް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.