ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ މަގުބައްތިތަކަށް ކަރަންޓު ދިނުން ހުއްޓާލާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިގޮތަށް ނިންމާފައިވަނީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ މަގު ބައްތި ތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް އިންސްޕެކްޓް ކުރުމަށްފަހު ނެރުނު ބަޔާނެއްގައެވެ.
އެ ކޯޕަރޭޝަނުންވަނީ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް އާތު ލީކޭޖް ސާކިއުޓް ބްރޭކާ، އީއެލްސީބީ ހަރުނުކުރާ މަގު ބައްތިތަކަށް މި މަހަށްފަހު ކަރަންޓު ދިނުން ހުއްޓާލަނެ ކަމަށްވެސް ބުނެފައެވެ.
ފެނަކައިން ބުނީ މަގު ބައްތި ތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުމަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި އީއެލްސީބީ މެދުވެރިނުކޮށް މަގުބައްތިތަކަށް ކަރަންޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަގުބައްތިތަކަށް، މީގެފަހުން ކަރަންޓް ދޭނީ އެކުންފުނިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑު ތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކޮށްފައިވާ ބައްތިތަކަށް އެކަނި ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ .
އެކަން އެކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ކައުންސިލްތަކަށް މިދިޔަ މަހުގެ 9 ވަނަ ދުވަހު އަންގާފައިވާކަމަށްވެސް ފެނަކައިން ބުނެއެވެ.
ހަމައެހެންމެ ސަބް ޑީބީ ހަރުނުކޮށް ހުރި މަގުބައްތިތައް މިިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް ކުރިން އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި މި މަސައްކަތުގެ މުހިންމު ކަމުން މި މުއްދަތު އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން ނިންމާފައިވާކަމަށް ފެނަކައިން ބުނެއެވެ.
އަދި މިހާރު ދީފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން، ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑީބީތައް އިންސްޓޯލް ކޮށްދޭނެކަމަށް އެކުންފުނިން ބުނެއެވެ.