ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލްއުސްތާޛު އިބްރާހީމް އިޙްސާންއެވެ.
މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 91 ފުލުހުންނެވެ. އެއީ އަންހެން 19 ފުލުހުންނާއި ފިރިހެން 65 ފުލުހުންނެވެ. އޭގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ ހަތް ފުލުހުންނެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި، ހެޑް އޮފް ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ، ހެޑް އޮފް ހިއުމަން ރިސޯސަސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު، ހެޑް އޮފް ސެރަމަނީސް އޮފިސަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު އަދި ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.