ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން ކަމަށް މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން" މި ސުރުޙީއަށް އަލިއަޅުވާލައްވާ ދެއްވި ޚުޠުބާގައި ވިދާޅުވީ ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާ ފުޅާ މާނައެއް އޮތް ކަމެއް ކަމަށާ އެ ގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން ކަމަށެވެ.
ޚުޠުބާގައި ވިދާޅުވީ ކީރިތި ރަސޫލާ ޞ.ޢ.ވ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވާކމަށާ ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށެވެ.
ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައި ވުން ކަމަށާ މި ގޮތުން ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުން ކަމަށާ މިއީ ފުރިހަމަ ސިއްރިޔާތުގައި ކުރެއްވި ކަމެއް ކަމަށާ ހަމަ އެ ފަދައިން ހިޖުރައަށް ނުކުމެވަޑައިގަތް ރޭގައި ޢަލީގެފާނު ކީރިތި ރަސޫލާ ޞ.ޢ.ވ.ގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވި ކަމަށާ މައްކާގެ މުޝްރިކުން ރަސޫލާ ޞ.ޢ.ވ. އަވަހާރަކޮށްލަން ރާވައިފައިވާ ރޭގައި އެކަލޭގެފާނުގެ ދާންމަތި ކޮޅުގައި ޢަލީގެފާނުއަވަހާރަފުޅުލެއްޕެވީ ފުރާނަފުޅު ޤުރުބާންވެ ދިޔަ ނަމަވެސް ރަސޫލާ z ދިފާޢުކުރައްވައި،އިސްލާމް ދީން ދިފާޢުކުރެއްވުމުގެ މަތިވެރި މަޤްޞަދުގައި ކަމަށާ މައްކާއިން ނުކުމެ ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެ ބޭކަލުން ތިއްބެވި އިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް ކުރައްވާން ޙަވާލުވެވަޑައިގަތީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ رَضِيَ اللهُ عَنْهَا ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އަދި އޭރު މައްކާގައި ކަން ހިނގަމުން ދިޔަ ގޮތުގެ ޚަބަރުތައް ރަސޫލާ ޞ.ޢ.ވ. އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދު الله ކަމަށާ އަދި ތިން ރޭވަންދެން އެބޭކަލުންގެ އަރިހުގައި ކޮންމެ ރެއަކުވެސް ފަތިސްވަންދެން އެކަލޭގެފާނުއިންނެވި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ކީރިތި ރަސޫލާ ޞ.ޢ.ވ އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި، ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މިދެންނެވި ކަންކަން އިސްލާމް ދީނުގެ ދިފާޢުގައި ޤުރުބާންކުރައްވައިފައި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
.ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ހިޖުރައިގެ މަތިވެރި ޒިކުރާ، ގުޅިފައި ވަނީ مُحَمَّدٌ رَسُولُ اللهِ ޞ.ޢ.ވ ހިޖުރަ ކުރައްވައި، މައްކާއިން މަދީނާ އަށް ވަޑައިގަތް މަތިވެރި ޙާދިޘާއާ ކަމަށާ މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ދިޔަ ޙާދިޘާ ކަމަށާ ކީރިތި ރަސޫލާ ޞ.ޢ.ވ. اللهގެ މަގަށް ގޮވާލައްވާން މައްކާގައި ތޭރަ އަހަރު ދުވަސް ހޭދަކުރެއްވި ކަމަށާ އެ ރަށުގެ އަހުލުވެރީންގެ ފަރާތުން މި ކަމަށް އެކަށީގެންވާ އިޖާބައެއް ލިބިވަޑައި ނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލަން އެބައިމީހުން ދިޔައީ ރާވަމުން ކަމަށާ އެ ހިނދު اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވި ކަމަށާ އެ ހިސާބުން ފެށިގެން، ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެން ދިޔަކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ކަންކަމުގައި اللهއަށް ވަކީލުކުރާން ޖެހޭކަމީ، ހިޖުރައިގެ މި މަތިވެރި ޙާދިޘާއިން އަޅަމެންނަށް ލިބޭ އެންމެ މުހިންމު އެއް ފިލާވަޅު ކަމަށާ اللهއަށް ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއްނޫން ކަމަށާ ވަކީލުކުރުމަކީ، ކަންކަން ކުރުމަށްޓަކައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، اللهގެ ޙަޟުރަތުން ރައްކާތެރިކަން ލިބޭނޭކަމަށް ޔަޤީންކޮށްގެން ތިބުން ކަމަށް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.