ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުން: ޕީޖީ އޮފީސް

ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުން ކަމަށާއި ޖޫރިމަނާ އަދަބެއް ނުވަތަ ތަފާތު އަދަބެއް ކަނޑަ އެޅުމަކީ އިސްތިސްނާ ޙާލަތެއް ކަމަށެވެ.

އެހެންކަމުން ކުށް ސާބިތުވުމުން ކަނޑައަޅަންޖެހޭ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ، އެމީހަކު އެ ކުރި ކުށަށް އަދަބު ނުލިބުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީ އިން ބުނީ ޖިނާއީ ކުށްތަކުގައި ކުށް ސާބިތުވެ، ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން އެ ފައިސާ ނުދައްކާނަމަ، އެމީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށްވެސް އެދެން ފަށާފައިވާ ކަމަށެވެ.

ހަމައެހެންމެ މި މައްސަލަ ޖިނާއީ ޢަދުލުގެ ނިޒާމުގައި ދަނީ ކުރިމަތިވަމުން ކަމަށާއި ޤާނޫނުލްޢުޤޫބާތުން ދިން މި ލުއި ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ޕީޖީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކޯޓުން ކަނޑައަޅާ މުއްދަތުގައި، ތަކުރާރުކޮށް އެންގުމުންވެސް ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް އެބަޔާނުގައި ބުނެފަވެއެވެ.

ޕީޖީން ބުނީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2021/02) ގެ 30 ވަނަ މާއްދާއާއި 38 ވަނަ މާއްދާއަށް ބަލާއިރު، ޖިނާއީ ކުށަކާ ގުޅިގެން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެއޮފީހަށް އަންގާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ އަދަބު ކުށުގެ އަސްލީ އަދަބަށް (ޖަލު އަދަބު) ބަދަލުކުރުމަށް އެދި ހުށަހެޅިދާނެ ކަމަށެވެ.

މި އުޞޫލާ ޙަވާލާދީ، ޖޫރިމަނާ ފައިސާ ނުދައްކާކަމަށް މީރާއިން އެއޮފީހަށްދޭ މަޢުލޫމާތަށް ބަލައި، ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް އެއޮފީހުން ގެންދަނީ ދަށުކޯޓަށް ހުށަހަޅަމުން ކަމަށް ޕީޖީން ބުނެއެވެ.

އަދި އެ އޮފީހުން ޢަމަލުކުރަމުން އައި ގޮތަށް ޖުރިމަނާ އަދަބުގެ ފައިސާ ނުދައްކާ މީހުންގެ މައްސަލަތަކުގެ މަޢުލޫމާތު މީރާއިން އެއޮފީހަށް ހުށަހެޅުމުން އަދަބު މުރާޖަަޢާކޮށް ދިނުމަށް އެދި ހުށަހެޅޭނެ ކަމަށާާއި އެހެންކަމުން، މީގެ ފަހުން ޖޫރިމަނާ ފައިސާ ނުދައްކާނަމަ، ކުށުގެ އަދަބު ޖަލު އަދަބަށް ބަދަލުކުރެވޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

advertisement
ހިޔާލު ދެއްވާ!