ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫގައި ގެއްލުނު ލިބުނު ގެއަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނީ ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫ، އަސްރާރު މަންޒިލް ނަމަކަށް ކިޔާ ގޭގެ ފުރާޅު އެއްލުމާއި ގުޅގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ވިއްސާރައާއިއެކު އައި ގަދަ ކޮޅިގަނޑުގައި މިއަދު ހެނދުނު 9.41 ހާއިރު ހިތަދޫ އެ ގޭގެ ފުރާޅު އެއްލާލުމުން ސަދަން އޭރިއާ ކޮމާންޑު ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ގެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަގުތީ ގޮތުން އެ ފުރާޅު އަޅާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވޭނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައިވެއެވެ.