މިއަދު ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ޙާލަތު ކުރިމަތި ކުރުވި މައިގަނޑު ސަބަބަކީ ދަރަނިތައް ކަމަށް ފުނަދޫ ދައިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
މަމްދޫހު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ދަރަންޏާ ބެހޭ ބިލުގެ ސަބަބުން ރައްޔިތުންގެ ނަމުގައި ނަގާ ލޯނުތަކާއި، އެއިން ހާސިލްވާކަންކަން ރައްޔިތުންނަށް ސާފުވެގެންދާނެ ކަމަށެވެ. އަދި ދައުލަތުގެ ދަރަނި 120 ބިލިއަން ހުރަސްކޮށްފައިވާ ކަމަށާއި 2022 އަދި 2023 ވަނަ އަހަރު އަންދާޒާ ކުރި އަދަދާއި ގާތައްވެސް ޓެކްސް ބޮޑުކުރުން ފިޔަވާ އާމްދަނީ އިތުރުކުރެވިފައި ނެތް ކަމަށެވެ.
މަމްދޫހު ވިދާޅުވީ އޭގެ ސަބަބުން އާމްދަނީ އިތުރުނުވެ އިތުރު ލޯނުތަކެއް ނަގައި، ޚަރަދުތައް އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި، ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ތަފްސީލް ހާމަކުރަންވާނެ ކަމަށާއި އެގޮތުން ކޮންމެ ކުއާޓަރެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި ޑެޓް ބުލެޓިންއެއް ޝާއިއުކުރަންވާނެ ކަމަށެވެ.
އެގޮތުން ސަރުކާރުގެ ދަރަނީގެ ބާކީ ހުރި މިންވަރާއި އޭގައި އެކުލެވޭ ފައިސާގެ ބާވަތާއި، ދަރަނީގެ ޕޯޓްފޯލިއޯއަށް އޮތް ހިރާސްތަކާއި، ފާސްކޮށްފައިވާ ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީއާ އެއްގޮތަށް ކަންކަން ކުރިއަށްގޮސްފައިވާ މިންވަރު ހިމަނަންވާނެ ކަމަށްވެސް މަމްދޫހު ވިދާޅުވިއެވެ.
މީގެ އިތުރުން ދަރަނި ނުވަތަ ޑެޓް މެނޭޖުމަންޓާ ގުޅޭ އަހަރީ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު ވިދިގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމޭތާ 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި މިނިސްޓްރީން ޢާންމުކޮށް ޝާއިއުކުރަންވާނެ ކަމަށްވެސް މަމްދޫހު ވިދާޅުވި އެވެ.