ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކަރަންޓް ކޭބަލް ބުރިކޮށްލައިގެން ވަގަށް ގެންދިޔަ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް، ކުރިމިނަލް ކޯޓުން ފަނަރަ ދުވަސް ޖަހައިފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ޙާޟިރުކުރުމުން، ފަނަރަ ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މަޖީދިއްޔާ ސުކޫލް ކައިރީގައި ހުންނަ ސަބްސްޓޭޝަނުން ކޭބަލްއެއް ބުރިކޮށްލައިގެން ވަގަށްނެގި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިިމަހުގެ 2 ވަނަ ދުވަހުގެ ހެނދުނުއެވެ.
ކޭބަލް ބުރިކޮށްލުމާއި ގުޅިގެން މަޖީދިއްޔާ ސުކޫލާ ހެންވޭރު އަބަދަށްފެހި މަގު، މެދުޒިޔާރަތްމަގާއި ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓްގެ ޚިދުމަތް ކެނޑުނުކަމަށް އެދުވަހު ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަދި މި ކަމާއިގުޅިގެން ސްޓެލްކޯގެ އެމްޑީ ޙުސައިން ފަހުމީ ވިދާޅުވީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައި ހުރި ކަމަށެވެ.
މާލޭގައި ހުންނަ ކަރަންޓް ކޭބަލްތައް ބުރިކޮށްގެން ވަގަށް ގެންދިއުމުގެ ޙާދިސާތައް ފާހަގަ ކުރެވިފައިވާއިރު، މިދިޔަ އަޟުޙާ ޢީދުގައި މާލޭސިޓީ ކައުންސިލުން މާލެތެރެ ޒީނަތްތެރިކޮށް ދިއްލުމަށް ބެހެއްޓި ލައިޓްތަކުގެތެރެއިން ޖުމްހޫރީ މައިދާނުގައި ބެހެއްޓި ލައިޓްތަކެއްގެ ކޭބަލްވެސް ވަގަށް ގެންގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.