މި ސަރުކާރުގެ ޚިޔާލާއި ފިކުރާއި އެއްގޮތަށް ސަބްސިޑީ ރިފޯމްކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުޞްތަފާ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސާއިދު ވިދާޅުވީ މާލީ އިސްލާހީ އެޖެންޑާގައި އެންމެ ބޮޑަށް އިސްކަންދެނީ ސަރުކާރުގެ އެހީ އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ލިބޭނެ މަގު ތަނަވަސްކުރުން ކަމަށެވެ.
ސާއިދު ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި ސަބްސިޑީ ރިފޯމްކުރުމަށް އިސްލާހުތައް ގެންނަން ނިންމާފައިވީ ނަމަވެސް، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، އެ ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ހުރީ ފުރިހަމަނުވެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ފަޤީރެއް ނިކަމެއްޗެއް ތަފާތުކުރުމެއް ނެތި ސަރުކާރުގެ މާލީ އެހީތެރިކަން ހޯދައިގަނެވޭ ކަމަށެވެ.
އަދި ކަންކަން ހުންނަ ގޮތުން އެންމެ ތަނަވަސް އެންމެ ގުޅުންހުރި އެންމެ ގޮތްހުރި މީހާއަށް މިއަދު އާސަންދަ ހިދުމަތްވެސް ފަސޭހައިން ނުވަތަ އެންސްޕާގެ ހިދުމަތްވެސް ފަސޭހައިން ލިބިގަނެވެ ކަމަށެވެ.
ވުމާއިއެކު ސަރުކާރުން ބޭނުންވަނީ ސަބްސިޑީ އޭގެ ހައްޤުވެރިންނަށް އެކަނި ލިބޭނެ ނިޒާމެއް ޤާއިމްކުރުން ކަމަށާއި އެކަމާއި ގުޅޭ މަސައްކަތްތައް ކުރަމުންދާކަމަށްވެސް ސާއިދު ވިދާޅުވި އެވެ.