ދިވެހި ދައުލަތުން ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސާ ހޯދަން ޚާއްޞަ ޤާނޫނެއް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހައުސްގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް ޚާއްސަ، އެސެޓް ރިކަވަރީ ޤާނޫނެއް ހެދުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަން ފަދަ ކަންކަމުން ދައުލަތުން ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ހޯއްދަވާނެކަމަށާ ކޮރަޕްޝަންގެ އެކި ޢަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ބަލައި އެކަން ކުރި ފަރާތްތަކަށް ޙައްޤު އަދަބުދީ އެ ފައިސާ އަނބުރާ ހޯދަން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ އެ ޤާނޫނުގެދަށުން ބައްލަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ރިޔާސީ ކޮމިޝަންތައް ހަދައިގެން ބޮޑެތި ޚަރަދުތައް ކުރި ނަމަވެސް ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދިފައި ނުވާކަމަށެވެ.