ރައްޔިތުންގެ މަޖިލީސް އަދި ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ޤާނޫނު އިސްލާޙް ކުރަން ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީ ހައުސްގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޤައުމުގެ ކަންކަން ނިންމަން ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ ޢަދަދެއްގެ ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަކީ ޚަރަދުބޮޑު ކަމެއް ކަމަށާ ކައުންސިލްތަކުގެ ސައިޒް ކުޑަކުރަންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކުޑަ އާބާދީތަކުގައި ކައުންސިލް ރައީސާއި، ނައިބު ރައީސެއް ހޮވުމުން ފުދޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށާ އަދި ބޮޑެތި އާބާދީ އޮންނަ ރަށްތަކާއި ސިޓީތަކުގައި އެއަށްވުރެ ގިނަ މެންބަރުން ހޮވުން ރަނގަޅުކަމަށެވެ.
ރާއްޖޭގެ އާބާދީ އިތުރުވާ ވަރަކަށް މަޖިލިސް މެންބަރުންގެ އަދަދުވެސް އިތުރުވަމުން ދާނެކަމަށާ އެންމެ ރަނގަޅުގޮތަކީ 17 ވަނަ މަޖިލީހާ އެއްގޮތަށް 77 މެންބަރުންނަށް އަދަދު ދަށްކުރުން ނުވަތަ އެހާވަރުގެ އަދަދެއްގެ މެމްބަރުން ތިބުން ކަމަށެވެ. އެހެންކަމުން އެގޮތަށް އިސްލާޙު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން، އެކި ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށާ އަދި އެއް ބާވަތެއްގެ މަސައްކަތްތައްކުރާ ކޮމިޝަންތައް އެއްކުރުމަށް ވެސް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިފަދަ އިސްލާޙުތަކެއް ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ގެނައިމާ ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށާ އެ ފައިސާއިން ރައްޔިތުންނަށް ފައިދާހުރި އެތައް ކަމެއް ކުރެވި އެތައް ކަމެއްގައި ރައްޔިތުންގެ ދިރިއުޅުން ތަރައްގީކުރެވޭނެ ކަމަށެވެ. އަދި އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ގިނަ މެންބަރުންތަކެއް މުހިންމު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.