ކްރިމިނަލް ކޯޓުގައި ނުނިމި 2050 މައްސަލަ އެބައޮތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.
ޙުސްނުއްސުޢޫދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތައް އަވަސް ކުރެވޭނީ މިހާރު އެކޯޓުގައި މައްސަލަތައް ހިނގަމުންދާގޮތަށް ބަދަލު ގެނެސްގެން ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ މިހާރުވެސް ދުވާލެއްގެ މައްޗަށް 75 އާއި 85 އާ ދެމެދުގެ އަދަދަކަށް މައްސަލަތައް ޝެޑިއުލްކުރެވޭ ކަމަށާއި މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން 150 އެއްހާ މައްސަލައަކީ 3 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ކަމަށެވެ.
ހުސްނުއްސުޢޫދު ވިދާޅުވީ ކޯޓު ޢިމާރާތުގެ މައްސަލައަކީ އެކޯޓުން ބަލަމުންދާ މައްސަލަތައް ލަސްވުމުގެ 50 އިންސައްތައިގެ ސަބަބުކަމަށެވެ. ނަމަވެސް އެކޯޓުގެ މައްސަލަތައް ބަލާ ގޮތަށް ބަދަލު ގެނެސްގެން މައްސަލަތައް އަވަސް ކުރެވޭނެކަމަށް ދެކެވަޑައިގަންނަވާ ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޝަރީޢަތްތައް ލަސްވާ މައްސަލައަށް އޮތް އެއް ހައްލަކީ މައްސަލަތައް ވިދިވިދިގެން ޝެޑިއުލްކުރެވިގެން ބޭއްވުން ކަމަށާއި އެގޮތުން ވާނުވާ ބަންދުގައި ގިނައިން ތިބެނީ މާރާމާރީއާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި މަރުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ކަމަށްވާއިރު، އެ މައްސަލަތަކަކީ މެދުނުކެނޑި ކުރިއަށްގެންދެވޭ ޝަރީއަތެއްގެ ގޮތުގައި ގެންދެވިދާނެ މައްސަލަތަކެއް ކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން އެއީ ވިދިވިދިގެން 3 ދުވަހު ޝަރީއަތް ބާއްވައިގެން އަވަހަށް ނިންމޭނެ މައްސަލަތަކެއް ކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.