ދަރަނީގެ ސަބަބުން ވިޔަވާރިވެރިންނަށް މާލީ އެހީ ހޯދުމަށް ދަތިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ޕީއެންސީގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސައީދު ވަނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދާނީ ރަނގަޅުވަމުންކަން ފާހަގަކުރައްވާ ރާއްޖެއަށް ބުރަ ނުއުފުލޭނެވަރުގެ ދަރަންޏެއް ދެން ނުއުފައްދާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރޭޓިން ބީ-ޕްލަސްއިން ސީސީސީ-މައިނަސްއަށް ދާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ، ބެލުމެއް ނެތި ނެގި ދަރަނިތައް ކަމަށެވެ.
އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އިޤްތިޞާދީ ރޭޓިން ދަށްވެގެންދާން މިސަރުކާރުން ކުރީ ކީއްތޯ ސުވާލުކުރައްވާ ސަޢީދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިން މިއަދު ތިބި ދަތި ޙާލަތަށް ވައްޓާލީ ނިމުނު ސަރުކާރުގައި ޒިންމާދާރުކަމެއްނެތި ކޮށްފައިވާ ކަންކަމުން ކަމަށެވެ.
ސަރުކާރުގެ އިޤްތިޞާދީ ރިފޯމް މަސައްކަތުގައި އިސްކަމެއް ދެއްވާނީ ރައްޔިތުންނަށް ބުރައަކަށް ނުވާގޮތަށް ލޯނާއި މާލީ އެހީތެރިކަން ހޯދުމަށް ކަމަށްވީ ނަމަވެސް މިވަގުތަކީ ޢިޤްތިޞާދީ ތަރައްޤީއަށް ލޯނާ ދަރަނި ނެގޭ ޙާލަތުގައި އޮތް ވަގުތެއް ނޫން ކަމަށްވެސް ސައީދު ވިދާޅުވި އެވެ.