ފިނި ކޮޓަރީގައި ތިބެ ޤައުމު ބަނގުރޫޓްކޮށްލީމާ ރައްޔިތުން ނިކުމެ ވެރިކަން ބަދަލުކުރީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން ރޭ ބޭއްވި ހަރުގެ ޖަލްސާއަށްފަހު އެމްޑީޕީގެ ރައީސް އަދި އެމްޑީޕީ ސަރުކާރުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވާ، ޢަބްދުއްރަޙީމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމު ހިންގަން ނޭނގި ފިނި ކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓްކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭތީ ރައްޔިތުން ނުކުމެ ޢަބްދުﷲ ޝާހިދުމެންގެ ވެރިކަން ނިމުމަކަށްގެނައީ ކަމަށެވެ.
ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިޙްސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ.
އަދި ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވަނީ ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ޤާނޫނަށް އިސްލާޙް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން އެމްޑީޕީގެ ރައީސް ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަން ކަން ހިންގުމުގެ ބާރު އެ ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަސް ނުވެވޭނެ ކަމަށެވެ.