ހުއްދަނެތް ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދިވެހިން ޖޫރިމަނާ ކުރަން އިމިގްރޭޝަނުން ނިންމައިފިއެވެ.
ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާ ޚިލާފަށް، ހުއްދަނެތި މަސައްކަތްކުރާ ބިދޭސީން ޚާއްސަކޮށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނާ ފުލުހުން ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންދާ މި ދަނޑިވަޅުގައި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނު ނަންބަރު: 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެއް ކަމަށެވެ.
ޝައްމާން ވިދާޅުވީ އަދި އެފަދަ ފަރާތްތައް އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.
މީގެއިތުރުން އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ހުރިހައްމާން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ޤަވާޢިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ ވެސް ވަނީ ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ޤަވާޢިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިއަ 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ރޭ ވަނީ ބުނެފައެވެ.